ރިޔާސީ އިންތިހާބު 2023

ހަމައެކަނި މާދަމާ ފެންނަ މީހަކަށް ވެރިކަމެއް ނުކުރެވޭނެ: ރައީސް

ގައުމުގެ ހާލަތު ނުފެނި ހަމައެކަނި މާދަމާ ފެންނަ މީހަކަށް ވެރިކަން ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހއ. ހޯރަފުށި ރައްޔިތުންނާ މިއަދު ބައްދަލުކުރައްވާ ރައީސް މިމޭރުމުން ވާހަކަދެއްކެވީ ރައީސް ނަޝީދަށް އިޝާރާތްކޮށް ކަމަށް ބެލެވެ އެވެ. ނަމަވެސް ރައީސް ނަޝީދުގެ ނަން ވިދާޅުވެފައެއް ނުވެ އެވެ.

ރައީސް ވިދާޅުވީ ކޮވިޑު 19ގެ ދުވަސްވަރު އެ އުދަނގުލާއި ދަތިތަކުން އަރައިގަނެ ރާއްޖެ ސަލާމަތް ކުރުމަށް އެޅި ފިޔަވަޅުތަކަށް ސިޔާސީ ފަރާތްތަކުން ފާޑު ކިޔަމުން ދިޔަ ކަމަށެވެ. އަދި އެތައް އުނދަގުލަކާއި ޖެއްސުމެއް ކުރިމަތިކުރިކަން ފާހަގަކުރެއްވި އެވެ. އަދި ކޮވިޑާއެކު ރާއްޖޭގެ ޓޫރިޒަމް ހާލާކުވެ ދިޔައީ ކަމަށް ރައްޔިތުންނަށް ވިސްނައިދޭން ބައެއް ސިޔާސީ ލީޑަރުން މަސައްކަތް ކުރެއްވި ކަމުގައި ވިދާޅުވި އެވެ.

"ބައެއް ސިޔާސީ ލީޑަރުން އެވަގުތު ނިކުމެވަޑައިގެން ވިދާޅުވީ ރިސޯޓުތަކުގެ ބަދިގެތަކުގައި ދެންވީ މަސް ކައްކާށޭ. ރިސޯޓްތަކުގަވީ ދަނޑުވެރިކަމޭ ކުރަން. މިރާއްޖޭގެ ޓޫރިޒަމް ހަލާކުވެ ދިޔައްޔޭމި." ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެ ދުވަހު ރާއްޖޭގެ ރިސޯޓުތަކުގެ ބަދިގެތައް މަސްކައްކާ ތަނަކަށް ހެދިނަމަ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ މިއަދު ހޯދާފައިވާ ކުރިއެރުންތައް ނުލިބުނީސް ކަމަށެވެ. ކޮވިޑުން އަރައިގަތުމަށް ބައެއް އަވަށްޓެރި ގައުމުތަކުން އެޅި ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުތަކަށް އަދިވެސް ދަތިތަކުން އަރައިނުގަނެވޭ ކަމުގައި ރައީސް ވިދާޅުވި އެވެ. ރާއްޖެއިން ކަންކަން ކުރި އެ ގައުމުތަކުން ކަންކުރި ގޮތާ ހިލާފަށް ކަމަށާއި ރާއްޖެއިން އެޅި ރަނގަޅު ފިޔަވަޅުތަކުގެ ނަތީޖާ މިއަދު ފެންނަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބައެއް ސިޔާސީ ބޭފުޅުން ކޮވިޑްގެ ދުވަސްވަރު ދޮގު ވާހަކަ ފަތުރަމުން ދިޔައީ ފިތުނައާއި ފަސާދަ އުފައްދާ، މީހުން މާޔޫސްކޮށް، ސަރުކާރާއި ދޭތެރޭގައި ނަފްރަތު އުފެއްދުމަށް ކަމަށެވެ. އެހެންނަމަވެސް ކޮވިޑަށްފަހު ފަތުރުވެރިކަމުގެ ދާއިރާއަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށާއި މިއަހަރު ނިމޭއިރު 1.9 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރާތް ކުރާނެ ކަމުގައި ވިދާޅުވި އެވެ.

"މި ބަދަލަކީ ކޮވިޑްގެ ދުވަސްވަރު ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާ. އަމާޒަކީ 2028 ވަނަ އަހަރު ތިން މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން،" ރައީސްގެ ދުރުވިސްނުން ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

"ހަމައެކަނި މާދަމާ ފެންނަ މީހަކަށް ވެރިކަމެއް ނުކުރެވޭނެ. އެދުވަހު ރިސޯޓުތަކުގެ ބަދިގެތައް މަސް ކައްކާ ތަންތަނަށް ހެދިނަމަ ދެން ކިހިނެތްތޯ ވާނީ. މިއީ ފިތުނައާއި ފަސާދައާއި ދެކޮޅުވެރިކަން ދައްކަންވެގެން އައި ވާހަކަތައް،" ރައީސް އިތުރަށް ވިދާޅުވި އެވެ.