މިވެރިކަމުގައި ކުޅިވަރުގެ ދާއިރާ އިން ރާއްޖެއިން ހޯދި ކާމިޔާބީތަކާއި ކުރިއެރުންތައް ނަންބަރުތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެ ދެއްވައިފި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ މިއަދު ހއ. ހޯރަފުށްޓަށް ވަޑައިގެން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ވިސްނުންތެރިކަމާއެކު ބޮޑު ޕްލޭނެއް އޮވެގެން ކަމަށެވެ.
"ތަރައްގީ އަކީ އަބަދުވެސް ބޭނުންވާނެ އެއްޗެއް. އަބަދުވެސް މިހާރު އޮތް ހާލަތަށް ވުރެ އެހެން ހާލަތަކަށް ބަދަލުވާން އަބަދުވެސް ރައްޔިތުން އެދޭނެ،" ރައީސް ވިދާޅުވި އެވެ.
އޭގެފަހުގައި ރައީސް ވަނީ ކުޅިވަރު ދާއިރާ ކުރިއަރުވާ ތަރައްގީކުރުމަށް ސަރުކާރުން ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތްތައް ވިދާޅުވެ ދެއްވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ ހޯރަފުށި ހިމެނޭހެން ރާއްޖޭގެ އެކި ރަށްތަކުގައި ޓާފް އަޅައިގެން 41 ފުޓުބޯޅަ ދަނޑު ނިންމާފައިވާ ކަމަށެވެ.
ރާއްޖޭގެ އެކި ރައްތަކުގައި 70 ފުޓްސެލް ދަނޑާއި 17 ޒަމާނީ ވޮލީ ކޯޓުގެ އިތުރުން 54 އައުޓްޑޯ ޖިމް ހަދާ ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެ އަދަދަށް އަދިވެސް އިތުރު ފުޓްބޯޅަ ދަނޑުތަކެއް އަޅަމުންދާ ކަމަށާއި، ދައުރު ނިމުމުގެ ކުރިން ދަނޑުތަކުގެ އަދަދު ދެގުނަ ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ މި ދައުރުގައި ޒުވާނުންނަށާއި ކުޅިވަރުގެ ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށެވެ. އެކަމުގެ ނަތީޖާ ފެނިގެންދަނީ ހަތަރު އަހަރު ތެރޭގައި ރާއްޖެއިން ބޭރުގައި ރާއްޖެ ތަމްސީލުކޮށް 35 ގޯލްޑް މެޑަލް ގައުމަށް ހޯދައިފައިވާތީ ކަމުގައިވެސް ވިދާޅުވި އެވެ. މީގެއިތުރުން 18 ސިލްވާ މެޑަލް އާއި 80 ބްރޯންޒް މެޑަލްވެސް ދިވެހި އެތުލީޓުން ގައުމަށް ހޯދައިދީފައިވާ ކަންވެސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ އަދިވެސް އެންމެ ރަނގަޅަށް ނުކުރެވި އޮތް ކަމަކީ ޒަމާނީ ވަސީލަތްތައް ފަހިކޮށްދިނުން ކަމަށާއި ޒުވާނުންގެ ހުނަރާއި ވިސްނުން އެބަހުރި ކަމަށެވެ. ނަމަވެސް މިހާރު ވަސީލަތްތައް ވެސް ގާއިމުކުރެވިގެންދާ ކަމަށެވެ.
"ކުރިއަށް މި އޮތް ދެތިން އަހަރު ތެރޭގައި މި ރީޖަންގައި ހުރިހާ ކުޅިވަރެއްގައި ފައިހަމަކުރެވޭ ޒުވާނުން އަޅުގަނޑުމެންނަށް ތައްޔާރުވެގެން ނެރެވޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހްގެ މިވެރިކަމުގައި ހޯރަފުށްޓަށް ބޮޑު އިސްކަމެއް ދެއްވި އެވެ. ރައީސް މިއަދު ވަނީ ކުރިއަށް އޮތް ދައުރުގައި ހޯރަފުށްޓަށް އިތުރު ކަންތައްތަކެއް ކޮށްދިނުމަށް ވައުދުވެވަޑައިގެންފަ އެވެ. އެގޮތުން ވިދާޅުވީ ހޯރަފުށްޓަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް އެރަަށުގައި ރޯހައުސް ނުވަތަ ފްލެޓް އަޅައިދޭނެ ކަމަށެވެ. ހޯރަފުށީގެ ބައެއް މަގުތަކުގައި ތާރުއަޅަމުންދާއިރު ކުރިއަށް އޮތް ދައުރުގައި އެ ރަށުގެ ބާކީ މަގުތަކުގައި ތާރުއަޅައިދޭނެ ކަމަށްވެސް އިއުލާންކުރެއްވި އެވެ.
ހޯރަފުށީގެ ސިއްހި ދާއިރާއަށް ދިމާވެފައިވާ ދަތިކަމަށް ހައްލުގެނެސް، ރަށުން ރަނގަޅު ހިދުމަތެއް ލިބޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސް ވިދާޅުވި އެވެ.
"[ހޯރަފުށީގައި ހޮސްޕިޓަލް އެޅުމަށް] މިހާރު ވަނީ ކޮންޓްރެކްޓުގައި ސޮއިކުރެވި ބަޔަކާ ހަވާލުކުރެވިފައި. އެކަން ޔަގީންކަމާއެކީގައި ކޮށް ނިންމާނެ ބަޔަކާ ހަވާލުކުރެވިފައި އެއޮތީ. ދެން އޮތީ މަސައްކަތް ފެށުން،" ހޯރަފުށި ހޮސްޕިޓަލްގެ އަޕްޑޭޓް ހިއްސާކުރައްވަމުން ރައީސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހު ވަނީ ވ. އަތޮޅާއި މ. އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންފަ އެވެ. ރައީސްގެ ކެމްޕޭން މިހާތަނަށް ވަނީ ށ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްތަކަށްވެސް ވަޑައިގެންފަ އެވެ.