ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަނިޔާ ލިބުނު މީހުން ބާކީ ނުކުރާނަން: ރައީސް

ކުރީގެ ސަރުކާރުގައި ހުކުމެއް ނެތި ޖަލުގައި އެތައް ދުވަހެއް ހޭދަކުރަން ޖެހުނު މީހުންނާއި އަނިޔާވެރިކަމުގައި މަގުމަތީގައި އުޅުނު އެމްޑީޕީގެ މެމްބަރުން ދޫކޮށް ނުލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްފޭންގައި މިއަދު ށ. ކަނޑިތީމަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ފާއިތުވެދިޔަ ހަތް އަހަރު ދުވަހު ރާއްޖެ އޮތީ އަނިޔާވެރިކަމުގައި ކަމަށެވެ. އެ ދުވަސްވަރު ހުކުމެއް ނެތި ޖަލުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންގެ ތެރޭގައި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް ފަދަ އެތައް މެންބަރުންނެއް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

މިގޮތުން އެ ހަތް އަހަރު ދުވަހު ހިނގި އަނިޔާވެރިކަމަކީ ނުވާ ކަމަށް ނުހެދޭނެ ކަމަށް ވިދާޅުވި އެވެ.

"އެ އަނިޔާވެރިކަމާއެކީގައި މަގުމަތީގައި ހޭދަ ކުރި ދުވަސްތަކުގައި ބައިވެރިވި މީހުންނެއް ދުލެއް ނުކުރެވޭނެ. އެއީ ނެތް ދުވަހެއް ކަމަށް ހަދައި އެ ހަތް އަހަރު ނުފެންނަ ބަޔަކަށް އެ ދުވަހުގެ އިހުސާސްތަކެއް ނުކުރެވޭނެ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

އެމްޑީޕީއަށް މިހާރު އަމާން ބަނދަރަކަށް އާދެވިފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ މެންބަރުން ނިންމާ ނިންމުމެއްގެ ސަބަބުން ވެރިކަން އެހެން ބައެއްގެ އަތްމައްޗަށް ފުރޮޅިގެން ހިނގައިދާނެ ކަމަށެވެ. އޭރުން އަނިޔާވެރިކަމަށް އަލުން ދާން ޖެހިދާނެ ކަމަށާއި އެއީ ރައްޔިތުން ގޮވައިގެން ދާން ބޭނުންވާ ތަނެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އަނބުރާ ދާން ބޭނުންވަނީ އެ އަނިޔާވެރިކަމަށްތޯ ނޫނީ ތަރައްގީއާ އެކީގައި ކުރިއަށް ދާން ވީތޯ މިއީ ނިންމަންވީ ނިންމުމަކީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބޮޑެތި ކާރިސާތަކާއި ހާދިސާތައް ކުރިމަތިވާ ދަނޑިވަޅެއްގައި ރާއްޖެއަށް ވެސް އޭގެ އަސަރު ކުރާނެ ކަމަށާއި އެފަދަ ހާލަތެއްގައި ވެރިކަމުގައި ތިބޭ ބަޔަކު ކަންކުރާ ގޮތާމެދު ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އިސްކުރަން ޖެހޭނީ ރައްޔިތުން ސަރުކާރެއްގެ ބޭނުމަކީ އެއީ. ހަމައެކަނި ވެރިކަމުގައި ތިބޭ ބަޔަކު ހަމަޖެހިލައިގެން ތިބެ ރައްޔިތުންނަށް އޭގެ ގެއްލުން ލިބޭ ގޮތަށް ސިޔާސަތުތައް ކަނޑައެޅުމަކީ ސަރުކާރުގެ ވިސްނުމެއްގައި އޮވެގެން ވާނެ ކަމެއް ނޫން،" 2008 ވަނަ އަހަރާއި 2009 ވަނަ އަހަރު ކުރިމަތިވި "ފައިނޭންޝިއަލް ކްރައިސިސް"ގެ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ގައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގައި ރައީސް ސޯލިހުގެ އިތުރުން ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.

ދެ ކެނޑިޑޭޓުން ވެސް ކެމްޕެއިނު ދަތުރުފުޅުތައް ކުރައްވަމުން އަންނައިރު ރައީސް ސޯލިހު މިއަދު ކަނޑިތީމުގެ އިތުރުން ށ. މިލަންދޫއާއި ފުނަދޫއަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.