ވިޔަފާރި

ރިސޯޓެއް ހަދަން ލަންކާ ކުންފުންޏަކުން ބޮޑުފަރު ގަނެފި

Jan 23, 2015

ސްރީލަންކާގެ ކުންފުންޏަކުން ބޮޑުފަރުގައި ރިސޯޓެއް ތަރައްގީ ކުރުމަށް 1.5 މިލިއަން ޑޮލަރަށް އެރަށް ގަނެފި އެވެ.

ބޮޑުފަރުގައި ރިސޯޓު ތަރައްގީ ކުރަނީ ސްރީލަންކާގެ ބްރައުން ގްރޫޕުންނެވެ. މި ރަށް ގަނެފައިވަނީ ބްރައުން އިންވެސްޓްމަންޓުގައި ހިމެނޭ ފާމް ގާޑަން ހޮޓެލްސް އާއި އީޑްން ހޮޓެލް ގުޅިގެންނެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް މީގެ ތެރެއިން ކޮންމެ ކުންފުންޏަކުން ވެސް ފަސް ލައްކަ ޑޮލަރު އިންވެސްޓް ކޮށްފައިވެ އެވެ.

ލަންކާގެ ބިޒް ނޫހުން ބުނި ގޮތުގައި މި ރިސޯޓް ތަރައްގީކުރަނީ އެންމެ މަތީ ފެންވަރުގެ ލަންޒަރީ ފެންވަރުގަ އެވެ.

ރާއްޖޭގެ ޓޫރިޒަމްގައި ލަންކާގެ ގިނަ ކުންފުނިތަކުން ދަނީ އިންވެސްޓްކުރަމުންނެވެ. މިހާރު ވެސް ލަންކާގެ ގިނަ ކުންފުނިތަކުގެ ރިސޯޓުތައް ރާއްޖޭގައި ހިންގަ އެވެ. އެގޮތުން ރާއްޖޭގައި ރިސޯޓު ހިންގާ އެންމެ މަޝްހޫރު އެއް ކުންފުންޏަކީ ސްރީލަންކާގެ ޗާޔާ ކުންފުނި ހިމެނެ އެވެ. އެ ކުންފުނިން ރާއްޖޭގައި ހިންގާ ރަށްރަށުގެ ތެރޭގައި ޗާޔާ އެއްލައިދޫ އާއި ޗާޔާ ހަކުރާ ހުރާ ހިމެނެ އެވެ.