ހުސައިން އަމްރު

ނަޝީދުގެ ކެމްޕޭނަށް ނިކުންނެވީ ރައީސްއަށް ދަންނަވާފައި: އަމްރު

Jan 22, 2023
1

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭންގައި ބައިވެރިވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ދެންނެވުމަށްފަހުގައި ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު ވިދާޅުވެއްޖެ އެވެ.

އަމްރު މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީން ކުރިއަށް އޮތް ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭންގައި އޭނާ، ނަޝީދަށް ތާއީދު ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާތީ ރައީސް މިއަދު ދެއްވި ނުސީދާ ރައްދަކާ ގުޅިގެން ޖަވާބުގައި ކުރެއްވި ޓްވީޓެއްގަ އެވެ.

އަމުރު މިއަދު ވިދާޅުވީ ރައީސް ނަޝީދުގެ ކެމްޕޭނަށް ހުވަދު އަތޮޅަށް ފުރާވަޑައިގަތުމުގެ ކުރިން ރައީސް ސޯލިހަށް އެމައުލޫމާތު ހިއްސާކުރެއްވި ކަމަށެވެ.

އަމުރު ވިދާޅުވީ ރައީސް ނަޝީދުގެ ކެމްޕޭންގައި އޭނާ ބައިވެރިވެވަޑައިގަންނަވާ ސަބަބު ވެސް ރައީސް އަށް ސާފުކޮށްދެއްވާފައިވާނެ ކަމަށެވެ.

ޕާޓީގެ އެތެރޭގެ އިންތިހާބުގައި އޭނާ ގެންގުޅޭ ވިސްނުމުގެ ސަބަބުން އެސްޓީއޯ އިން ކުރަމުންދާ އެއްވެސް މަސައްކަތަކަށް މަޑުޖެހުމެއް ނާންނާނެ ވާހަކަ ރައީސް ސޯލިހަށް ދަންނަވާފައިވާނެ ކަމަށްވެސް އަމުރު ވިދާޅުވި އެވެ.

"އެސްޓީއޯ އިން ކުރަމުން ގެންދަނީ ގައުމީ މަސައްކަތެއް. އެއީ ދިވެހި ރައްޔިތުންނަށް ދޭ ހިދުމަތެއް. އެސްޓީއޯ އިން ކުރަމުން ގެންދާ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ބާރަށް ކުރިއަށް ދާނެ." އަމުރު ވިދާޅުވި އެވެ.

ރައީސް ސޯލިހްގެ ސަރުކާރުގައި ވަރަށް އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން ގެންދަވަނީ ރައީސް ނަޝީދުގެ ކެމްޕޭންގައި ބައިވެރިވެވަޑައިގެން ކެމްޕޭން ކުރައްވަމުންނެވެ.