ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކައި ސަރުކާރުގެ އޮފީހަކަށްވެސް ބަދަލުތަކެއް ގެންނަން ޖެހިދާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރަށް އިންޒާރެއް ދެއްވައިފި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި މިއަދު ތިނަދޫއަށް ވަޑައިގެން އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުގެ އިސް މަގާމެއްގައި ހުރި ބޭފުޅެއްގެ ސިޔާސީ ވިސްނުމަށް އަންނަ ބަދަލެއްގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތައް ހުއްޓުމަކަށް ނާންނާނެ ކަމަށާއި އެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ.
އެއްވެސް މަޝްރޫއެއް ހުއްޓުނަ ނުދިނުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ ކަންތައްތައް ބަރާބަރަށް އެ ކުންފުނިތަކުގައި ކުރަމުން ގެންދާނެކަމަށްވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.
ތިނަދޫގެ ކޯލްޑް ސްޓޯރޭޖް ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށާއި އެކަން ހަވާލުކޮށްފައި އޮތީ އެސްޓީއޯ އަދި މިފްކޯއާއި ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.
އެސްޓީއޯގެ އެމްޑީ އަމްރު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ވާދަކުރައްވާ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭނާ ގުޅިވަޑައިގެންފަ އެވެ. ރައީސް ނަޝީދުގެ ކެމްޕޭންގައި އެމަނިކުފާނާއެކު އަމްރު މިދިޔަ ހަފުތާގައި ހުވަދޫ އަތޮޅަށް ވަޑައިގެންނެވި އެވެ.
އެސްޓީއޯއާއި ހަވާލުކޮށްގެން ކުރަން ނިންމާފައިވާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ކުރިއަށްދާނެތޯ ނުވަތަ މަޑު ޖެހޭނީތޯ ރައްޔިތުންގެ ހިތުގައި އުފެދޭ ސުވާލުތަކަށް ރައީސް ވަނީ ޖަވާބު ދެއްވާފަ އެވެ.
"ސަރުކާރުގެ ސިޔާސަތެއް ތަންފީޒު ކުރުމުގައި ސަރުކާރުގެ އެއްވެސް އޮފީހަކުން އެއްވެސް ކުންފުންޏަކުން ފަހެއް ނުޖެހޭނެ. އެކަންތައް އަޅުގަނޑުމެން ކުރާނަން އަދި އެކަންތައް ކުރެވޭ ގޮތަށް ކަންކަން ބަދަލު ކުރަމުން ގެންދާނަން،" ރައީސް ސޯލިހް ވިދާޅުވި އެވެ.