ހަބަރު

ނަޝީދުގެ ނިއުސްކޮންފަރެންސުން ފުރުސަތު ދިނީ ވަކި ބަޔަކަށް

Jan 25, 2016
3

ބޭސްފަރުވާއަށް އިނގިރޭސިވިލާތުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ލަންޑަންގައި ބޭއްވި، ޕްރެސްކޮންފަރެންސަށް ބައެއް ފަރާތްތަކަށް ފުރުސަތު ދީފައި ނުވާ ކަމަށް ބުނެފި އެވެ.

އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަންގެ އޮފިޝަލަކު މިއަދު "އަވަސް" އަށް ވިދާޅުވީ، ހައިކޮމިޝަނަރާއި އިނގިރޭސި ބައެއް މީޑިއާ އެޖެންސީތަކުގެ ފަރާތްތައް މިއަދުގެ ޕްރެސް ކޮންފަރެންސަށް ވަންނަން ދިޔަ ނަމަވެސް، އެ ފަރާތްތަކަށް ވަނުމުގެ ހުއްދަ ނުދިން ކަމަށެވެ. އަދި އީމެއިލް އަކުން ޕްރެސްއަށް ވަނުމަށް އެދުނު ނަމަވެސް، ބައެއް މީޑިއާގެ ފަރާތްތަކަށް އެ ޕްރެސްކޮންފަރެންސަށް ވަނުމަށް ހުއްދަ ދެވެން ނެތް ކަމަށް އަންގާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. ފޮރިން މިނިސްޓްރީ އިން ވެސް ވަނީ އެގޮތަށް ކަންކަން ހިނގާފައިވާ ކަން ކަށަވަރުކޮށްދީފަ އެވެ.

ބައެއް ސަރުކާރުގެ އޮފިޝަލުން ތުހުމަތު ކުރެއްވި ގޮތުގައި ޕްރެސްއަށް ވެއްދީ ނަޝީދަށް ތާއީދު ކުރާ އެ މީހުންނާ ގުޅިފައިވާ މީޑިއާތަކުގެ ފަރާތްތައް ވަރަށް ބޮޑަށް ފިލްޓަކޮށްގެންނެވެ. ނަޝީދުގެ ފަރާތުން މިކަމުގައި ކޮމެންޓެއް ލިބޭ ގޮތެއް ނުވި އެވެ.

އެ ޕްރެސް ރާއްޖެ ޓީވީ އިން ލައިވް ކުރަމުން ދިޔަ އިރު، ނޫސްވެރިންގެ ސުވާލުތަކުގެ ބައި ދައްކާފައެއް ނުވެ އެވެ. އެކަން އެގޮތަށް ކުރި ސަބަބެއް ސާފެއް ނުވި އެވެ.

މިއަދުގެ ޕްރެސްގައި ނަޝީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެގޮތުން ޑިމޮކްރަސީ ރާއްޖެއިން އެއްކޮށް ނެތިގެން ގޮސްފައިވާ ކަމަށާއި ޗައިނާއާ ގާތް ގުޅުންތަކުގެ ސަބަބުން އިންޑިއާގަނޑުގައި ފިނި ހަނގުރާމަ އެއް ފެށުމުގެ ބިރުވެރިކަން އޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ.