ޕޮލެންޑްގެ ސިޓީއެއް ކަމަށްވާ ކެޓޮވިސާއިން ފުރައިގެން ގުރީކުގެ ވެރިރަށް އެތެންސްއަށް -- 192 ދަތުރުވެރިން ގޮވައިގެން -- ދަތުރުކުރި ރަޔަންއެއާގެ މަތިންދާބޯޓެއްގައި ބޮމެއް އޮތް ކަމަށް ބުނެ ދިން އިންޒާރަކާ ގުޅިގެން ހަންގޭރީ އާއި ގުރީކުގެ އަސްކަރިއްޔާ އިން ވަނީ ޕްރެޝަރަށް އަރާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ގޮވާ ތަކެތި ހުރި ކަމަށް ދިން އިންޒާރާ ގުޅިގެން އެތެންސް އިންޓަނޭޝަނަލް އެއާޕޯޓުގެ ދުރު ހިސާބަކަށް މަތިންދާބޯޓު ޖައްސުވައި އެންމެން ބާލުވައި ވަނީ ފާސްކޮށްފަ އެވެ.
އެތެންސް އިންޓަނޭޝަނަލް އެއާޕޯޓަށް ރަޔަންއެއާގެ މަތިންދާބޯޓު ޖެއްސުވީ ހަންގޭރީ އާއި ޕޮލޭންޑްގެ އަސްކަރިއްޔާގެ އެހީގައި -- ފައިޓަރު ޗެޓްތަކުގެ ހިމާޔަތުގަ އެވެ.
އެއާޕޯޓަށް ބޯޓު ޖެއްސުވިއިރު ދަތުރުވެރިން ބޭލުވުމުގެ ހުރިހާ ކަމެއް އޮތީ އިމާޖެންސީގަ އެވެ.
އިމާޖެންސީގައި ދަތުރުވެރިންނާ މެދު އަމަލުކުރެވޭ ޕްރޮޓޮކޯލްތައް ފަށައި މަދު ވަގުތުކޮޅެއްގެ ތެރޭގައި މީހުން ބާލައި ވަނީ ނިންމާފަ އެވެ.
އަލިފާން ނިއްވާ ލޮރީތަކާއި ބޮމެއް ގޮވައިފިނަމަ އިމަޖެންސީ ފަރުވާދިނުމަށް ބޭނުންވާ ވަސީލަތްތައް ވެސް ޖަމާކުރެވުނު ކަމަށް އޮފިޝަލުން ބުނެ އެވެ.
މަތިންދާބޯޓުން ގޮވާތަކެތި ސާފުކުރާ ޓީމުތަކުން ހުރިހާ ދަތުރުވެރިން ވަކިވަކިން -- އަދި އެ މީހުން ގެންގުޅޭ ތަންމައްޗާއި ފޮށިތައް ވަރަށް ރަނގަޅަށް ބަލައި ފާސްކުރި ކަމަށް ޚަބަރުތައް ބުނެ އެވެ.
އެހެންނަމަވެސް ބޯޓުގެ އެއްވެސް ހިސާބަކުން އަދި ދަތުރުވެރިންގެ އެއްވެސް ދާގީނާއަކުން ގޮވާތަކެތީގެ އަސަރު ވެސް ފެނިފައި ނުވާ ކަމަށް އޮފިޝަލުން ބުނެ އެވެ. އެކަމަކު އާންމު ދަތުރުތަކަށް ބޯޓު ދޫކޮށްލާނެ އިރެއް އަދި ސާފެއް ނުވެ އެވެ.