ހަބަރު

އެސްއީޒެޑްގެ އެންމެ ކުޑަ އިންވެސްޓްމަންޓަކީ 150 މިލިއަން ޑޮލަރު ކަމަށް ކަނޑައަޅުއްވައިފި

Jan 25, 2016

ސްޕެޝަލް އެކޮނަމިކް ޒޯނެއްގައި ގާއިމު ކުރެވޭނެ އެންމެ ކުޑަ އިންވެސްޓްމަންޓަކީ 150 މިލިއަން ޑޮލަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައި ގެޒެޓް ކުރައްވައިފި އެވެ.

ރައީސް ޔާމީން ނެރުއްވި ގަރާރުގައި ސްޕެޝަލް އެކޮނަމިކް ޒޯންގައި ހިންގި ދާނެ އިގްތިސޯދީ މަސައްކަތްތަކަކީ ކޮބައި ކަމާއި އަދި އެއިން ޒޯނެއްގައި ހިންގި ދާނެ އިންވެސްޓްމަންޓްގެ އެންމެ ކުޑަ މިންވަރަކީ ކޮބައިކަން، ބޯޑް އިންވެސްޓްމަންޓްގެ މަޝްވަރާގެ މަތީން ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ ކުރީން ރައީސް ކަނޑައަޅުއްވާނެ ކަމަށް ބަޔާން ކޮށްފައިވާއިރު އެ ގަރާރުގައި ބުނަނީ ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް ހަތް ދާއިރާއަކަށް ފެތެން ޖެހޭ ކަމަށާއި އެއީ ޓްރާންޝިޕްމަންޓާއި އިންޓަނޭޝަނަލް ލޮޖިސްޓިކްސް އާއި ޕޯޓާއި އެއާޕޯޓާއި ބަލްކް ބްރޭކިން އާއި ބަންކަރިންނާއި ޑޮކިން ސާވިސް ކަމަށެވެ.

މީގެ އިތުރުން ޔުނިވަސިޓީ އާއި ޓާޝަރީ ހޮސްޕިޓަލާއި ސުޕާ ސްޕެޝަލިޓީ ހޮސްޕިޓަލާއި ދުނިޔޭގެ ފެންވަރުގެ ރިސާޗު އެންޑް ޑިވޮލަޕްމަންޓް ފެސިލިޓީސްތައް ހިމެނޭ އިރު ދުނިޔޭގެ ފެންވަރުގެ އައިސީޓީސީޕާކާއި އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސް އާއި އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް ހިމެނެ އެވެ.

މީގެ އިތުރުން އިއާދަ ކުރުވަނިވި ހަކަތަ އާއި އޮއިލް އެންޑް ގޭސް އެކްސްްޕްލޮރޭޝަންގެ މަސައްކަތާއި ރާއްޖޭގައި ނެތް ޓެކްނޯލޮޖީ ރާއްޖެ އަށް ތައާރަފު ކުރުމަށް ހިންގާނެ މަސައްކަތްތައް ވެސް ހިމަނާފައިވެއެވެ.