އެމެރިކާ ދެކޭ ގޮތުގައި ޗައިނާ އިންވެސްޓްކުރާ ކޮންމެ ގައުމެއް ދަރުވާލުމަކީ އަޅުވެތިކުރުވަން ކޮމިއުނިސްޓް ސަރުކާރުން ގެންގުޅޭ ރޭވުމެކެވެ. ދަރަނި ދައްކަން އެ ގައުމުތަކަށް ޗައިނާ ކުރާ ޝަރުތުތަކުގެ ސަބަބުން އެފްރިކާގެ ބައެއް ގައުމުތައް ނޭވާހޮޅިއަށް އެޅިފައިވާ ކަމަށްވެސް އެމެރިކާ ބުނެ އެވެ.
އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ -- ފައިނޭންސް މިނިސްޓަރު، ޖެނެޓް ޔެލެން މިދާކަށް ދުވަހު ޒަމްބިއާއަށް ވަޑައިގެންނެވި އެވެ. ސަރުކާރު އިސް ވެރިންނާ ބައްދަލުކުރައްވައި ޔެލެން ދެއްކެވި ގިނަ ވާހަކަތައް އަމާޒުކުރެއްވީ ޗައިނާ އަށެވެ.
ޔެލެން ވިދާޅުވި ގޮތުގައި އެފްރިކާއަށް އުފުލަން ކުޅަދާނަ ނުވާ ވަރަށް ދަރަނި އަދާކުރަން ޖެހުމަކީ ހަމަ ނޭވާލާން ދަތިވާނެ ކަމެކެވެ. ފަގީރު ގައުމުތަކުގެ ބޮލަށް އެރިގަނެ ޗައިނާއިން ގައުމުތައް ދަރުވާލައިފި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޔެލެން ވިދާޅުވީ ޒަމްބިއާ ވެސް މިއަދު އޮތީ ޗައިނާގެ ދަރަނީގައި ތާށިވެފައި ކަމަށެވެ.
ޔެލެންގެ މި ވާހަކަަތަކަށް ރައްދުދީ ޒަމްބިއާގެ ވެެރިރަށް ލުސާކާގައި ހުންނަ ޗައިނާ އެމްބަސީން ބަޔާނެއް ނެރެ ވަނީ އެމެރިކާއަށް ބުރުވާލާފަ އެވެ.
ބަޔާނުގައި އެމެރިކާއަށް ހަނދާންކޮށްދީފައި އޮތީ އެމެރިކާ ދަރަނިވެރި ވެފައިވާ މިންވަރެވެ. އެމެރިކާ ސަރުކާރުން -- ހަމައެކަނި އަމިއްލަ ކުންފުނިތަކަށް ދައްކަން ހުރި ދަރަނިތަކުގެ ސަަބަބުން ވެސް އެމެރިކާ އޮތީ ބަނގުރޫޓުވާ ހިސާބުގައި ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ޒަމްބިއާއާ މެދު ވިސްނޭ ވަރަށް ވުރެ އެމެރިކާގެ ހާލަތު ދެރަ ކަމަށާއި މުޅި ދުނިޔެ ފަގީރުކަމަށް ހުށަހަޅިފައި އޮތީ އެމެރިކާއަށް ދަރަނި މެނޭޖް ނުކުރެވިގެން ކަމަށްވެސް ވަނީ ބުނެފަ އެވެ.
ދުނިޔޭގައި އެމެރިކާ ނޫނަސް މީހުން ދިރިއުޅޭ ކަމަށާއި ބަޔަކު ކުރާހާ ކަމެއްގެ ތެރެއަށް ވަދެ ގާއުކަން ފެށުމުން އެ ހުރިހާ ގަލެއް ފައިބަނީ އަމިއްލަ ބޮލަށް ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
އެމެރިކާއަށް ދަރަނި މެނޭޖުކުރަން ނޭނގޭ ނަމަ އެކަން ވަރަށް ރަނގަޅަށް ދަންނަ މީހުން ޗައިނާގައި އެބަ ތިބި ކަމަށްވެސް ވަނީ ބުނެފަ އެވެ. އެމެރިކާ ކިތަންމެ ފުއްޕާފައި އުޅުނު ނަމަވެސް ހުރިކާ ކަމެއް ނޭނގޭނެ ކަމަށްވެސް ޗައިނާ ބުނެ އެވެ.