މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކޮމްގެ މެންބަރު ކަމަށް ހުޅުވާލައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ މެންބަރުކަމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި އެވެ.

ބްރޯޑްކޮމްގެ މެންބަރުންގެ ތެރެއިން މަގާމުގެ މުއްދަތު ހަމަވަނީ މެންބަރު އަމްޖަދު ވަހީދުގެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި ލިޔުންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ ފަހެއް އަދި ހަވަނަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރު 12:30އަށް ރައީސް އޮފީހުން ކަމަށެވެ.

ބްރޯޑްކޮމްގެ މެންބަރުކަމުން އަހުމަދު ގައިސް ވަނީ މީގެ އިސްތިއުފާ ދެއްވާފަ އެވެ. ގައިސް އިސްތިއުފާ ދެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕޭންގައި ބައިވެރިވުމަށެވެ.

ގައިސް އިސްތިއުފާ ދެއްވުމުން ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލި އެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަން ކުރާ މީހަކީ އުމުރުން 18 އަހަރުވެފައިވާ ދިވެއްސަކަށް ވާން ޖެހެ އެވެ. އަދި އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިން ކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ ނުވާ މީހަކަށް ވެސް ވާން ޖެހެ އެވެ.

އޭގެ އިތުރުން ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަން ކުރެވޭ މަގާމެއްގައި ހުރި މީހަކަށް ނުވަތަ ސިވިލް ސާވިސްގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އެހެން ވަޒީފާއެއް އަދާ ކުރާ މީހަކަށް ވެގެން ނުވާނެ އެވެ. އަދި ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގައި މާލީ މަސްލަހަތެއް އޮތް މީހަކަށް ވެގެން ނުވާނެ އެވެ.

ބްރޯޑްކޮމްއަކީ ހަތް މެމްބަރުން ތިއްބަވާ ކޮމިޝަނެކެވެ. ކޮމިޝަންގެ ރައީސްއަކީ މަރިޔަމް ވަހީދާ އެވެ. ނައިބު ރައީސްއަކީ މުހައްމަދު ފަޒީން އެވެ. އެ ކޮމިޝަންގެ މެންބަރުންނަކީ އަމްޖަދު ވަހީދު، އަލީ ޔޫސުފް އަދި އާމިނަތު އަމީނާގެ އިތުރުން ޝިފްލާ އިބްރާހީމް އެވެ.