ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެންމެ ލަސްވެގެން ސެޕްޓެމްބަރުގައި ޝަންގްރިއްލާ ހުޅުވާނަން: ރައީސް

އެންމެ ލަސް ވެގެން މިއަހަރުގެ ސެޕްޓެމްބަރުގައި ޝަންގްރިއްލާ ވިލިގިނލި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް ހުޅުވިގެންދާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނު ނިންމާލުމުގެ ގޮތުން އައްޑޫ ސިޓީގައި މިރޭ އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މި އަހަރުގެ އޮގަސްޓު ސެޕްޓަމްރު ހިސާބުގައި ޝަންގްރިއްލާ ރިސޯޓު ހުޅުވުމަށްޓަކައި ސަރުކާރުގެ ފަރާތުން ނިންމަންޖެހޭ ހުރިހާ ކަމެއް މިހާރު ނިންމާފައިވާކަމަށެވެ.

ޝަންގްރިއްލާ ހިންގާ އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ކުންފުނީގައި އޮންނަ ސަރުކާރުގެ 30 އިންސައްތަ ހިއްސާ ވިއްކާލަން އިކޮނޮމިކް ކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތުން އެ ރިސޯޓު ހިންގާ ފަރާތަށް އެކަން އަންގައިފައިވާނެކަމަށާއި ރިސޯޓު ހުޅުވުމުގެ މަސައްކަތް ކުރުމާއި މެދު އެއް މަސް ތެރޭގައި އެބޭފުޅުން ގޮތެއް ނިންމަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ޝަންގްރިއްލާގަ އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލަން އަޅުގަނޑުމެން މިތިބީ ތައްޔާރަށް. އެތަނުގެ ވެރިންނަށް އޅުގަނޑުމެން ވާނީ އެކަން އަންގާފަ. އަދި އެއް މަސް ދުވަހުގެ ތެރޭ ޑިސިޝަނެއް ނަގާ މިއަހަރުގެ އޮގަސްޓް ސެޕްޓެމްބަރު ހިސާބުގަ ރިސޯޓު ހުޅުވިގެން ދާނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ޝަންގްރިއްލާ ހުޅުވުމާއި އައްޑޫ ސިޓީގައި ތަރައްގީ ކުރަމުން އަންނަ ފަސް ރިސޯޓުގެ މަސައްކަތާއިއެކު އެ ސިޓީގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ލިބިގެންދާނެ ކަމަށެވެ. މިގޮތުން އައްޑޫގައި ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން 236 ހެކްޓަރުގެ ބިން ހިއްކާފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ހަންކެނޑޭގައި 1،000 އަށް ވުރެ ގިނަ އެނދު ތަރައްގީކުރެވިގެން ދާނެ ކަމާއި އެ މަޝްރޫއަށް ބޭނުންވާ ފިނޭންސް ހަމަޖެހިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"ހަންކެނޑޭގަ 1،000 އަށް ވުރެ ގިނަ އެނދު ތަރައްގީކުރެވޭނެ. އެއާއެކު އައްޑޫގަ 8،000 ޓުއަރިޒަމް އެނދު އެޅުމަށް އަޅުގަނޑުމެން ވީ ވައުދު ފުއްދައިދެވޭނެ،" ރައީސް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫގައި އޮންނަ ޝަންގްރިއްލާ ރިސޯޓުގައި އޮންނަ ސަރުކާރުގެ ހިއްސާ ގަންނަން އެއްބަސްވެފައިވަނީ ރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ މަންޓާ އެއާ އާއި ދ. ކުޑަހުވަދޫ އެއާޕޯޓް ހިންގަމުންދާ ރިއޯލޯ މޯލްޑިވްސް ކުންފުނިންނެވެ.

މި ރިސޯޓު ފުރަތަމަ ހުޅުވީ 2009 ވަނަ އަހަރުގެ ތެރޭގަ އެވެ. އަދި 2020 ވަނަ އަހަރުގެ ތެރޭގައި ކޮވިޑާ ގުޅިގެން ޝަންގްރިއްލާ ރިސޯޓް ބަންދުކުރި ފަހުން އެ ރިސޯޓް ހުޅުވާފައި ނުވާތީ އެއީ އައްޑޫ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.