އެލައިޑް އިންޝުއަރެންސް

އެލައިޑް އިންޝުއަރަންސްގެ 38ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

Jan 30, 2023

ރާއްޖޭގެ ލީޑިންގ އިންޝުއަރަރ؛ އެލައިޑް އިންޝުއަރަންސް ކުންފުނީގެ 38ވަނަ އަހަރީ ދުވަސް އެކުންފުނިން ފާހަގަކޮށްފިއެވެ.

މިއަދު އެލައިޑް ކޯޕަރޭޓް އޮފީހުގައި ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސްގައި އެނިވަރސަރީއާއި ގުޅިގެން އެލައިޑުންވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ރައްކާ ޕްރޮގްރާމަށް ހެލްމެޓު ހަދިޔާކޮށްފައެވެ. އެލައިޑްގެ ފަރާތުން ހެލްމެޓު ހަދިޔާކޮށްދެއްވީ އެލައިޑް އިންޝުއަރަންސްގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ފިރުޝާންއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހެލްމެޓުތަކާއި ހަވާލުވެ ދެއްވީ ހެޑް އޮފް ރޯޑް ސޭފްޓީ އެވެއަރނެސް އެންޑް ޕްރިވެންޝަން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ފަސީހުއެވެ.

އެލައިޑުގެ ބައިވެރިވުމާއި އެކު ސީރިީޒެއްގޮތަށް ކުރިޔަށްގެންދާ ރައްކާ ޕްރޮގްރާމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްނެގުމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަގުމަތީގެ ރައްކާތެރިކަމާއި، ޓްރެފިކް އުސޫލްތަކާއި ގަވައިދުތަކަށް ހޭލުންތެރިކުރުވުމުގެ މަގުސަދުގައި ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. އެގޮތުން ކުޅުދުއްފުއްޓާއި ލާމު އަތޮޅު އަދި އައްޑޫއާއި މާލެ ސިޓީ ހިމެނޭހެން މިހާތަނަށް ރައްކާގެ ތަފާތު ހަރަކާތްތައް ކުރިޔަށްގެންގޮސްފައިވެއެވެ.

އެލައިޑް އިންޝުއަަރަންސުން މައުލޫމާތު ދެއްވާ ގޮތުގައި މިއަދު ހަދިޔާ ކުރެވުނު 100 ހެލްމެޓަކީ އައްޑޫގައި މިހާރު ބޭނުންކުރަމުން އަންނަ ހާފް ހެލްމެޓުތައް އުވާލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރަމުން އަންނަ މަސައްކަތަށް އެހީވުމުގެ ގޮތުން ފޯރުކޮށްދީފައިވާ އެހީތެރިކަމެކެވެ.

މީގެ އިތުރުން، އެލައިޑް އިންޝުއަރަންސުން ވަނީ މޮޓޯ ކެމްޕެއިންވެސް އިފްތިތާހުކޮށްފައެވެ. 1 ފެބުރުވަރީގައި ފެށުމަށް ހަމަޖެހިފައިވާ މިކެމްޕެއިންގެ ތެރެއިން މޮޓޯ ކޮމްޕްރިހެންސިވް ޕޮލިސީއެއް ބައްލަވައިގަންނަވާ އެންމެ ފުރަތަމަ 140 ކަސްޓަމަރުންނަށް ހިލޭ ހެލްމެޓެއް ލިބޭނެކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ. އެލައިޑް އަދި އެލައިޑް އިސްލާމިކް ވިންޑޯ އަޔާދީއިން ނަގާ ޕްލޭންތަކާއި އެކު ވެސް ހެލްމެޓް ލިބިލައްވާނެކަން ފާހަގަކުރަމުން، ފިރުޝާން ވިދާޅުވީ ޕޮލިސީ އަލަށް ނަންގަވާ އަދި އާ ކުރައްވާ ކޮންމެ ކަސްޓަމަރަކަށްވެސް ފުލުހުން އިލްތިމާސް ކުރައްވާފައިވާ މިންގަނޑުތަކަށް ފެތޭ ހެލްމެޓެއް ލިބިލައްވާނެއެވެ.

އެލައިޑުގެ އެނިވަރސަރީއާއި ގުޅިގެން ކުރިޔަށްގެންދިޔަ އެހެނިހެން ހަރަކާތްތަކުގެ ތެރޭގައި، އާންމުންގެ ބޮޑު މަގުބޫލުކަމެއް ލިބިގެންދިޔަ އެލައިޑް ކަލަންޑަރު ވަނީ މިއަދު ފްރަންޓް އޮފީހުން ޕޮލިސީ ނެންގެވި އެންމެ ފުރަތަމަ 38 ކަސްޓަމަރުންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސާފައެވެ. މީގެ އިތުރުން، އެހެނިހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް އެލައިޑުން ވަނީ އެކުންފުނީގެ ކަސްޓަމަރ ފްރަންޓް އޮފީސް ސަރަހައްދުގައި އާންމުންނަށް ކަޕްކޭކް ބެހުމުގެ ހަރަކާތް ކުރިޔަށްގެންގޮސްފައެވެ.