ފިނޭންސް މިނިސްޓްރީ

ދައުލަތުގެ ހަރަދު ދުވާލަކު 94 މިލިއަން ރުފިޔާގައި

ދައުލަތުގެ ހަރަދު 2.45 ބިލިއަން ރުފިޔާ އަރާފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރާ ހަފުތާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖެނުއަރީ އެކަކުން ޖެނުއަރީ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރި ހޭދައިގެ ތެރެއިން 163.7 މިލިއަން ރުފިޔުާ ހޭދަކޮށްފައިވަނީ މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށެވެ. އިދާރީ އަދި ހިންގުމުގެ ހަރަދު މި މުއްދަތުގައި ހުރީ 1.4 ބިލިއަން ރުފިޔާގަ އެވެ.

ކެޕިޓަލް ހަރަދުގެ ގޮތުގައި 610.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ލޯނު އަނބުރާ ދެއްކުމަށް 349.8 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ދައުލަތުގެ ހަރަދަށް ބަލާއިރު އެއީ ދުވާލަކަށް 94.5 މިލިއަން ރުފިޔާ އެވެ.

ދައުލަތަށް މި މުއްދަތުގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ އިތުރުވެފަ އެވެ.

އާމްދަނީގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 1.3 ބިލިއަން ރުފިޔާ އެވެ.

ދައުލަތަށް މިއަހަރު ލިބުނު އާމްދަނީގެ 88 އިންސައްތައަކީ ޓެކްސް އާމްދަނީ އެވެ.

ޓެކްސް އާމްދަނީގެ ގޮތުގައި 1.81 ބިލިއަން ރުފިޔާ ދައުލަތަށް ލިބުނުއިރު ޓެކްސް-ނޫން އާމްދަނީގެ ގޮތުގައި 245 މިލިއަން ރުފިޔާ ދައުލަތަށް ލިބުނެވެ.