އަހަރުގެ ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި ދައުލަތުން ކުރި ހަރަދު 664.5 މިލިއަނަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ ފަސްވަނަ ދުވަހުގެ ނިޔަލަށް ހޭދަކުރި 664.5 މިލިއަން ރުފިޔާގެ ތެރޭގައި މުސާރަ އާއި އިދާރީ އަދި ހިނގުމަށް ކުރި ހަރަދާއި ލޯނުތައް އަނބުރާ ދެއްކުމަށް ކުރި ހަރަދު ހިމެނެ އެވެ.
އެގޮތުން ދައުލަތުގެ ހަރަދުތަކުގެ ތެރެއިން 295.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވަނީ މުސާރަ އާއި އިދާރީ އަދި ހިންގުމުގެ ހަރަދަށެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި 90.5 މިލިއަން ރުފިޔާ އަދި ލޯނުތައް އަނބުރާ ދެއްކުމަށް 278.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ދައުލަތުން ކުރި ހަރަދުތަކުގެ ތެރޭގައި ސަބްސިޑީތަކަށް ހޭދަކުރި 171 މިލިއަން ރުފިޔާ ހިމެނޭއިރު ތަރައްގީގެ މަޝްރޫއުތައް -- ޕީއެސްއައިޕީއަށް ވަނީ 89.3 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނީ 61.9 މިލިއަން ރުފިޔާ އެވެ. މީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 23.1 މިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 38.6 މިލިއަން ރުފިޔާ ހިމެނެ އެވެ.
ރިސޯޓު ކުލީގެ ގޮތުގައި 32.6 މިލިއަން ރުފިޔާ ލިބުނުއިރު ޖީއެސްޓީގެ ގޮތުގައި 14.5 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.