ވިނަރެސް ފްލެޓް

ވިނަރެސް ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފި

Feb 2, 2023
1

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ވިނަރެސް ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި އެވެ.

ދާއިމީ ލިސްޓް މިއަދު އާންމުކޮށްފައި މިވަނީ ވިނަރެސް ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ވަގުތު ދިނުމަށްފަހު އެވެ.

ވިނަރެސް ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމުކުރުމަށްފަހު އެޗްޑީސީން ނެރުނު އިއުލާންގައި ބުނެފައިވަނީ މި ލިސްޓުގައި ގުޅީފަޅުން ކުރިން ދޫކުރި ފްލެޓްތައް ލިބުނު މީހުންނާއި، ސީލައިފް ކުންފުނިން ހަދަން އުޅުނު ފްލެޓަށް ފައިސާ ދެއްކި މީހުންނާއި، ހިޔާ ފްލެޓް ލިބި ދޫކޮށްލި މީހުން ނުހިމެނޭނެ ކަމަށެވެ.

ދާއިމީ ލިސްޓްގައި ހިމެނޭ މީހުންގެ ތެރޭގައި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ އެކަމަކު މާލޭގައި ރަޖިސްޓްރީވެފައި ނުވާ ކެޓަގަރީ އިން 1094 މީހަކާއި މާލޭގައި ރަޖިސްޓްރީވިތާ 15 އަހަރު ވެފައިވާ މީހުންގެ ކެޓަގަރީގައި ހިމެނޭ 267 މީހަކު ހިމެނެ އެވެ.

އެޗްޑީސީން ބުނީ ލިސްޓްގައި ނަން އޮތް ނަމަވެސް މައި-އެޕްލިކަންޓް އަދި ކޯ-އެޕްލިކަންޓްގެ ގޮތުގައި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓެއް ގަތުމުގެ ފުރުސަތު ލިބޭނީ އެތަނުން ކޮންމެވެސް އެކަކަށް ކަމަށެވެ.

އެޗްޑީސީން ބުނީ ދާއިމީ ލިސްޓްގައި ހިމެނޭ މީހުންގެ މާލީ ގާބިލްކަން ބެލުމަށްފަހު ފްލެޓަށް ބުކިން ފީ ނެގުމާއި ބޭނުންވާ ފްލެޓް އިހްތިޔާރު ކުރުމަށް ފުރުސަތު ދޭނެ ކަމަށެވެ. ފްލެޓް ގަންނަން އެއް ފަހަރާ ފައިސާ ދައްކަން ހުށަހެޅި ނަމަވެސް އަދި ލޯނު މެދުވެރިކޮށް ފައިސާ ދައްކަން ހުށަހެޅި ނަމަވެސް މާލީ ގާބިލްކަން ބަލާނެ ކަމުގައިވެސް އެޗްޑީސީން ބުނެފައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރަން ފެށި ވިނަރެސް ފްލެޓް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރު ހުރެ އެވެ. އެއީ ތިން ކޮޓަރީގެ ޖުމްލަ 1،344 އެޕާޓްމަންޓެވެ. މީގެތެރެއިން ކޮންމެ އެޕާޓްމަންޓެއްގެ ބޮޑުމިނުމުގައި 902-883 އަކަފޫޓު ހުންނައިރު އެޕާޓްމަންޓް ވިއްކުމަށް ހަމަޖައްސާފައިވަނީ 2.5 އަކާއި 2.7 މިލިއަން ރުފިޔާގެ އަގެއްގަ އެވެ. އިންސްޓޯލްމަންޓަށް ފައިސާ ދައްކާ ފަރާތްތަކުން އަގު އަދާކޮށް ނިމޭއިރު އެޕާޓްމަންޓްގެ އަގު ދެގުނައާ ގާތްކުރާނެ އެވެ.

ވިނަރެސް ފްލެޓްތަކުގައި ހިމެނޭ މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. އައުޓާ ވިއުގައި 372 އެޕާޓްމެންޓް ހިމެނޭއިރު އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 އެޕާޓްމެންޓް ހިމެެނެ އެވެ.

މި މަޝްރޫއު ނިމޭއިރު ހުރިހާ ޓަވަރެއްގައި އޭޓީއެމް، ސްމާޓް ރެޑީ، ޕާކިން ޒޯން، އަދި ސީސީޓީވީ ކެމެރާ ހުންނާނެ އެވެ. މި ޓަވަރުތަކުގެ ގްރައުންޑް އަދި ފުރަތަމަ ފްލޯ ކޮމާޝަލް ސްޕޭސްތަކަށް ހާއްސަ ކުރެވޭނެ ކަމަށް އެޗްޑީސީ އިން ބުނެ އެވެ. ކޮމާޝަލް ސްޕޭސްގައި ސުޕަ މާކެޓް، އޮފީސް ސްޕޭސް، މެދު ފަންތީގެ ފިހާރަތައް، ކެފޭ / ރެސްޓޯރެންޓް އަދި ޖިމް ހިންގާނެ ޖާގަ އަދި އިތުރު ހަރަކާތްތައް ހިންގާނެ ހުސް ޖާގަ ލިބިގެންދާނެ އެވެ.