މޯލްޑިވިއަން އައިޑޮލް ކާމިޔާބުކުރާ ފަރާތެއްގެ ދިރިއުޅުމަށް އިންގިލާބީ ބަދަލެއް އަންނާނެކަމީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ. މި ޝޯގެ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވާ 250،000ރ. ގެ ފައިސާގެ އިނާމުގެ އިތުރަށް ވެސް އެތައް، އެތައް ފަހުރަކާއި ޝަރަފާއި މޮޅެއް އެމީހަކަށް ލިބޭނެކަން ޔަގީނެވެ.
އެކަމަކު މި ޝޯއެއް އަދި ރަނގަޅަށް ފަށައިނުގަނެވިގެން އުޅެނިކޮށް ވެސް އޭގެ ސަބަބުން މި ވަނީ އެތައް ސަތޭކަބައެއްގެ ދިރިއުޅުމަށް އާދަޔާހިލާފު ބަދަލުތަކެއް ގެނެސްދީފަ އެވެ. ވަކިން ހާއްސަކޮށް މި އަގުބޮޑު އަދި ޝަރަފާއި ފަހުރާ ގުޅިފައިވާ ޝޯގެ ދަތުރަށް ރިޔާކޮށައި ގޯލްޑެން ޓިކެޓާ އެކު ގަދަކަނޑަށް ނުކުމެފައިވާ ބައިވެރިންގެ ހަޔާތް ބަދަލުވެގެން ގޮސްފައިވާ ގޮތް ނިކަން ބޮޑަށް ފާހަގަކޮށްލެވެ އެވެ.
އެގޮތުން މިފަހަރު މި އޮތީ މާލެ ސިޓީގެ އޮޑިޝަނުން ގޯލްޑެން ޓިކެޓް ލިބި ތިއޭޓާ ރައުންޑުން ފުރުސަތު ހޯދި 18 ލަވަކިޔުންތެރިންގެ ހަޔާތް ބަަދަލުކޮށްލި ގޮތުގެ އާދަޔާހިލާފު ވާހަކަތަކެވެ.
އެންމެ ރަނގަޅުވާނީ މި ސިލްސިލާއެއްގެ ވާހަކަ މާލޭ އޮޑިޝަންގެ ފޭން ފެވަރިޓެއް ކަމުގައިވާ އިބްރާހިމް އަމާން އިން ފެށިއްޔާ އެވެ.
ގޯލްޑެން ޓިކެޓާއެކު ފިލްމަކުން ވެސް ފުރުސަތު ހޯދައިފި!
މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަނުގައި އަމާން އަކީ ހަމައެކަނި ލަވަކިޔުވުމުގެ ހުނަރުވެރިކަމެއް ހުރެގެން އާންމުންގެ ސަމާލުކަން ހޯދި ޒުވާނެއް ނޫނެވެ. އޭނާގެ އާންމު ދިރިއުޅުމުގެ އާދައިގެކަމާއި ރާޅުގަނޑުގައި ހޭދަކުރާ ހިތްގައިމުވަގުތަކުން ވެސް އެތައް ބައެއްގެ ޝައުގުވެރިކަން އޭނާ އަށް ލިބިގެންދިޔަ އެވެ.
މީގެ އިތުރުން ވެސް އެންމެ ބޮޑު ސަމާލުކަމެއް ލިބިގެންދިޔަ މަންޒަރު ފެނުނީ ލަވަކިޔަން ގޮސް ޖަޖުންގެ ކުރިމަތީގައި އެކްޓަރަކަށް ބަދަލުވެލި ފަސޭހަކަމުންނެވެ.
"ސްކޫލް ދައުރުގައި ވެސް ވަރަށް ޑްރާމާ ކުޅެވިފައި ހުންނާނެ. ގޭތެރޭގައި އުޅޭއިރު ވެސް އެކްޓްކުރެވިފައި ހުންނާނެ. މަންމަ އަޅުގަނޑާ ކަމެއް ހަވާލުކޮށްލިޔަސް އެކްޓްކޮށްލާ މަޖާކޮށްނުލާ އެކަމެއް ވެސް ނުކުރެވޭނެ އަޅުގަނޑަކަށް،" އަމާން ބުންޏެވެ.
މި ކޮންފިޑެންސާ އެކު އޮޑިޝަނުގައި ބޮޑު މަޖާގަނޑަކަށް ބަދަލުވެގެންދިޔަ އަމާން އަށް ޖަޖުންގެ ތައުރީފު އޮހި ގޯލްޑެން ޓިކެޓް ލިބިގެންދިޔައިރު ދިވެހި ފިލްމެއްގައި ލީޑް ރޯލު ކުޅުމުގެ ފުރުސަތު ވެސް މިހާރު ވަނީ ލިބިފަ އެވެ.
"އެއީ ލޯބީގެ ބިރުވެރި ފިލްމެއް،" އަމާން ބުނީ އެއާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދެއްކެން އަދި ނެތް ކަމަށެވެ.
ސަބަބަކީ މިވަގުތު އޭނާގެ އެންމެ ބޮޑު ހުވަފެނަކަށް ލަވަކިޔުންވެފައިވާތީ އެވެ. އަމާން ބުނީ ގޯލްޑެން ޓިކެޓް ލިބުނު ހިސާބުން އޭނާގެ ދިރިއުޅުން އެއްކޮށް ބަދަލުވެއްޖެ ކަމަށާއި އެ ބަދަލު ގެއްލިގެންދާން ބޭނުން ނުވާ ކަމަށެވެ.
"މިހާ ހިސާބަށް އައިސް ބޭނުމެއް ނުވޭ އެންމެ ތަންކޮޅެއް ވެސް ކޮންފިޑެންސް ގެއްލުވާލާކަށް. އެ ކޮންފިޑެންސްގެ ސަބަބުން މިހާ ހިސާބަށް އާދެވުނީ. ކުރީގެ 99 ފެއިލިއާ މަތިން ހަނދާންނައްތާލަން އަޅުގަނޑު ބޭނުންވަނީ. މިއީ 100 ވަނަ ޓްރައި. މީތި އިރާދަކުރެއްވިއްޔާ ފުލް ކޮމިމެޓްމެން ދީގެން ކާމިޔާބުކުރާނަން،" އަމާން ބުންޏެވެ.
"އައިޑޮލް ނިމުނީމަ ފިލްމުތަކަށް ބޮޑަށް ވަގުުތު ދެވޭނީ. އެކަމަކު ލަވަކިޔުމާއި ފިލްމުކުޅުމުން ޗޫޒްކުރަން ޖެހިއްޖެ ނަމަ ޗޫޒްކުރާނީ ލަވަކިޔުން. އެއީ އެކްޓްކުރުން އެއީ އަޅުގަނޑަށް ވަރަށް ނެޗުރަލް ކަމެއް. އެކަމަކު ލަވަކިޔުމަކީ ވަރަށް ބޭނުންވެގެން ކުރަން ބޭނުންވާ ކަމެއް."
އޭނާ ބުނީ ރަނުގެ ޓިކެޓް ލިބުނު ހިސާބުން ފާހަގަކޮށްލެވޭ އެންމެ ބޮޑު ބަދަލީ ގިނަ ބަޔަކު ދަންނަ މީހަކަށް ބަދަލުވެ އޮހެމުންދާ ތައުރީފު ކަމަށެވެ.
"ޕްރިމިއާ ނައީޓްގައި ޝޯ އިން ފެނިގެން، އެތައް ބަޔަކު ގުޅި ވަގުތުން ފޯނަށް. މިހާރު ވެސް މަގުމަތިން ހިނގާލާފައި ދާއިރުވެސް މޯލްޑިވިއަން އައިޑޮލްއޭ ކިޔާފައި ގޮވާލާ،" އުފާވެރިކަން ބަޔާންކޮށްދޭން ނޭނގޭ ކަމަށް ބުނެ ވާހަކަ ދައްކަމުން އަމާން ބުންޏެވެ.
ސޯޝަލް މީޑިއާގައި ވެސް ފޭސްބުކަށް ވަދެލިއިރު ވެސް އިންބޮކްސް އެއްކޮށް ފުރިފައި ހުރީ. ފްރެންޑް ރިކުއެސްޓްސް ވެސް އުޅޭ 2000 މީހުން، ހަމަ ޝޮކްޑް. ކިހިނެތް ކަމެއް ނޭނގޭ އެކްސެޕްޓްކުރާނީ ވެސް. ބޭނުންވޭ އެންމެން ވެސް އެކްސެޕްޓްކުރަން ވެސް. އެކަމަކު ވަކި ވަރަކަށްތާ އެކްސެޕްޓްކުރެވޭނީ ވެސް. ބައެއް މީހުން ބުނެފާނެ ފޮނިކަމުންނޭ ގަބޫލުނުކުރަނީ. އެކަމަކު އެހެނެއް ނޫން."
ހޭޝްޓެކް ރޮކްސްޓާ!
ޔަގީނަށް ވެސް މިއީ މާލޭގެ އޮޑިޝަނަށް ބަލާއިރު ފާހަގަކޮށްލެވުނު އެންމެ ވަރުގަދަ އެއް އަޑެވެ. ތައުރީފު އޮއްސަމުންދާ މީހުން ބުނަމުން ގެންދަނީ މިހެންނެވެ. ސްކޫލް ކުދިންގެ ލަވަމުބާރާތުގައި މީގެ އަހަރުތަކެއް ކުރިން ވިދާލި މިދުފާ ނައީމްގެ ކޮއްކޮއެއް ކަމުގައިވާ މުހައްމަދު މުއައްޒިން ނައީމް އަކީ ޚުދު އޭނާ ގަބޫލުކުރާ ގޮތުން ވެސް ރޮކްސްޓާރެކެވެ.
"ހީއެއް ނުކުރަން މީހުންގެ އެހާ ބޮޑު ސަމާލުކަމެއް ލިބިގެންދާނެ ކަމަށް. މީހުން ދޭ ސަޕޯޓް ވަރަށް ސަޅި. ވަރަށް ބޮޑު ޝޮކެއް މިއީ،" އޮހެމުންދާ ތައުރީފު ގަބޫލުކުރަން އުނދަގޫވެފައި ހުރި ޒުވާނާ ބުންޏެވެ.
އޭނާ ބުނީ ގޯލްޑެން ޓިކެޓް އޮޑިޝަނުން ލިބުނު ހިސާބަކީ ލަައިފްގެ ހަގީގީ ދަތުރު ފެށުނު ހިސާބު ކަމަށެވެ.
"ޖޮބަކަށް ވެސް ބޭނުންވާ ކަމަކީ ލަވަކިޔުން. އެހެން ހުއްޓައި މިހެން ދިމާވެ އެކަން ހާސިލުވުމުގެ އުއްމީދުތަކުގެ ފެށުމެއް މި ލިބުނީ،" މޮޑީގެ ވަނަމުން މަޝްހޫރުވެފައިވާ ޒުވާނާ ބުންޏެވެ.
"ވަރަށް ކުރިއަށް ދެވުމުގެ އުއްމީދު އެބައޮތް. އަޅުގަނޑު ބަލާލަން ޖަޖަސްގެ 50 ޕަސެންޓް ވޯޓް ހޯދޭތޯ. މިހާރު އެންމެ މުހިންމު ބަޔަކީ ސަޕޯޓަރުން. އެމީހުންގެ ސަޕޯޓް ވަރަށް ބޭނުންވާނެ ކުރިއަށް ދާން."
ރާޅު ބޯއި އަކީ އަންހެން ކުދިންގެ މެދުގައި މެގަ ހިޓެއް!
ލަދުރަކި ހިނިތުންވުމަކާ އެކު އަލީ ރަމީޒުގެ ލަވައެއް އޮޑިޝަނުގައި ހުށަހަޅައިދިން ކ. މާފުށީ ޒުވާނާ، އަހުމަދު ނަޒީހުގެ އަޑުން އެތައް ބައެއްގެ ގައިން ހީބިހި ނަގައިގެންދިޔައިރު ޔަގީނަށް ވެސް އެންމެ ބޮޑު އަސަރެއްކުރި ބަޔަކަށް ތިބީ އަންހެންވެރިންނެވެ. ވަކިން ހާއްސަކޮށް ޒުވާން އަންހެން ކުދިންގެ ހިތްތަކުން އޭނާ އަށް ދީފައިވާ ޖާގަ ފާހަގަކޮށްލެވެ.
އޭނާގެ ހިތްގައިމު އަޑަށް ގިނަ ބައެއްގެ ތައުރީފު އޮހުނުއިރު އަންހެންކުދިންގެ ފެވަރިޓް ސިފައަކަށްވީ ބޮލުގައި އޮތް އިސްތަށިގަނޑެވެ. ނަޒީހް ބުނީ އޭނާގެ ބޮލުގައި އޮތީ ކުލަ ޖައްސާފައިވާ އިސްތަށިގަނޑެއް ނޫން ކަމަށާއި އެއީ ޑައިވްކުރަން އަދި ރާޅާއަޅަން ގޮސް އުޅުމުގެ ތެރޭގައި އަވީގައި ގިނަ ވަގުތު ހޭދަކުރެވި އިސްތަށިގަނޑަށް ލިބިފައިވާ ކުލައެއް ކަމަށެވެ.
"ކަޅުކުރިޔަސް ފަހުން މި ކުލަ އަރާނެ،" ބޮލުގައި ހުރި މުށި-ރަތްކުލަ އަށް އިޝާރާތްކުރަމުން ނަޒީހް ބުންޏެވެ.
އޭނާ ވެސް ބުނީ އޮޑިޝަނުގައި ރަނުގެ ޓިކެޓް ލިބުނު ހިސާބުން ދިރިއުޅުމަށް ގިނަ ބަދަލުތަކެއް އަތުވެއްޖެ ކަމަށެވެ.
"އަލަށް މިކަހަލަ އޮޑިޝަނެއްގައި ބައިވެރިމިވީ އަދި. އެ ދުވަހު ވަރަށް ގިނައިރު އިނދެ އިނދެ ފޫހިވެފައި ހުރެގެން ގޮސް އެންމެފަހުން ލަވަކީ ވެސް. ދެން ވަރަށް ބޮޑަށް އުފާވި. އެއީ އެ ދުވަހު އެއްކޮށް އެކަމެއް ކުރުމަށް މަޑުކޮށްލައިގެން ހުރި ކަންތައް އެންމެފަހުން ކާމިޔާބުކުރެވުނީމަ" ނަޒީހު ބުންޏެވެ.
"ފުދޭވަރަކަށް މީހުން ގޮވާ. މަގުމަތިން ފެނިހގެން ގޮވާ. އެކުގައި ފޮޓޯ ނަގާ. އަޅުގަނޑު މި ދަނީ ރަނގަޅު ކޮމްޕްލިމެންޓް ދޭ އެންމެނަށް ތެންކިއު ބުނަމުން. އެންމެނަށް ވެސް ޝުކުރު އަދާކުރަން ބޭނުން. އެކަމަކު ވަރަށް ދެރަވޭ އެންމެނަށް ރިޕްލައި ނުކުރެވޭތީ. ބޭޑް ކޮމެންޓަކަށް ވިޔަސް ރިޕްލައިކުރަން ބޭނުން."
"ދެން ބަލާނީ ދެން އޮތް ރައުންޑުން އެރޭތޯ. މިހާރު ކުރިއަށް އޮތް ރައުންޑުން ފާސްވާން މަސައްކަތްކުރަމުން ދަނީ. ދެވޭ އެންމެ ކުރިއަކަށް ދާން ބޭނުންވޭ ވަކި ހިސާބަކުން ކެޓިއަސް. ކެޓިޔަސް ލަވަކިޔާނަން. ލަވަކިޔުން އިތުރުކުރާނީ. އަޅުގަނޑަކަށް ހީއެއް ނުވޭ ސަޕޯޓަރުން ވެސް ބޭނުންވާނެހެން އަޅުގަނޑު ލަވަކިޔުން ހުއްޓާލާކަށް އެހިސާބުން."
މުޅިން ވެސް ޝޮކް!
މޯލްޑިވިއަން އައިޑޮލްގެ ފެންވަރު ފެނިފައި ވެސް މީހުން ކޮސްވަނީވިއްޔާތާ އެވެ. ދެން ފަހެ މި ޝޯގެ އޮޑިޝަނެއްގައ ބައިވެރިވާ މީހަކަށް ޝޮޓެއް ނުޖެހެންވީ ސަބަބަކީ ކޮބައި ހެއްޔެވެ؟ އެގޮތުން އޮޑިޝަންތަކުގެ އެހެން ބައިވެރިން ފަދައިން ގޯލްޑެން ޓިކެޓް ގެންދިޔަ ފާތިމަތު ނަބަތަކީ ވެސް ޝޮކެއްގައި ޖެހުނު ގޮތަށް ސަލާމަތްނުވެވިގެން އުޅޭ އަންހެން ކުއްޖެކެވެ.
އޭނާ ބުނީ ޝޯއިން ފެނުނުފަހުން ދިމާވާ އެންމެންގެ ފަރާތުން ވެސް އޮހެނީ ތައުރީފު ކަމަށާއި ކުރިން މީހުންގެ މެދުގައި އޭނާ ބަލައިގަނެވިފައި އޮތް ގޮތް ވެސް ބަދަލުވެއްޖެ ކަމަށެވެ.
"މަގުމަތިން ދިމާވާ މީހުން ވެސް ބުނެލާނެ ވަރަށް ރީއްޗޭ ލަވަކިޔާ ގޮތް. މަރުހަބާއޭ. ސަޕޯޓްކުރާނެ ކަމަށް ބުނެ ވާހަކަ ދައްކާ އެގޮތަށް ވަރަށް ގިނަ މީހުން،" މެޕްސް ކޮލެޖުގައި ކިޔަވަމުން އަންނަ ނަބަތު ބުްޏެވެ.
އޭނާ ބުނީ ގޯލެޑްނެ ޓިކެޓް ލިބުނު މޮމެންޓަކީ ވެސް ބުނެދޭން ނޭނގޭ ފަދަ އިހްސާސްތަކެއް ކުރެވުނު ވަގުތުކޮޅެއް ކަމަށެވެ.
"ނޯއެކޭ ކިޔާފައި ސަޕްރައިޒްކޮށްލީ. ހަމަ ޝޮކެއްގައި ހުރެވުނީ އެ ވަގުތު. ބުނެދޭން ނޭނގޭ ކަހަލަ އުފަލެއް ކުރެވުނީ. ޓައިޓްލް ލިބުން ވަރުގެ ބޮޑު އުފާވެރިކަމެއް،" ނަބަތު ބުންޏެވެ.
""ވަރަށް އުއްމީދުކުރަން ވަރަށް ދުރަށް ދެވޭނެ ކަމަށް. ވަރަށް ބޭނުން މި ޓައިޓްލް ކާމިުޔާބުކުރަން. މިހާރު ހުރި ހިސާބަށް އާދެވުމަކީ ވެސް ހުވަފެނެއް ހަގީގަތަށް ވުން ކަހަލަ ކަމެއް."
މަގުމަތިން ދިމާވާ ކޮންމެ މީހަކު ވެސް ތައުރީފު އޮއްސަނީ!
އަބްދުﷲ ފާލިހް އާދަމް އަށް ދިމާވެގެން މި އުޅޭ ގޮތް ދިމާވެފައި ނެތް ގޯލްޑެން ޓިކެޓްގެ ބައިވެރިޔަކު ހަގީގަތުގައި ނުވެސް ނެތެވެ.
"ވަރަށް ތަފާތު. ހީއެއް ނުކުރަން މިހާ ގިނަ ބަޔަކު މި ޝޯ ބަލާނެ ކަމަކަށް. ކޮމެންޓްސް ވަރަށް ރަނގަޅު. މަގުމަތިން ދިމާވާ ވަރަށް ގިނަ މީހުން ބުނޭ ލަވަކިޔުން ރަނގަޅޭ. ސަޅި ކޮމެންޓްސް އާދޭ. އަދި ނެގެޓިވް ކޮމެންޓެއް ނުލިބޭ،" ފާލިހް ބުންޏެވެ.
"އަޅުގަނޑު ވެސް ބައިވެރިވީ ދެވުނު އެންމެ ދުރަކަށް ދާން. ވަރަށް ކުރިއްސުރެން ފެށިގެން ލަވަކިޔުމަކީ ކުރާ ކަމެއް. އަބަދުވެސް ދެކޭ ހުވަފެނެއް މިއުޒިކްގައި ކުރިއަށް ދިއުމަކީ. ވަރަށް މޮޅެތި ކުދިން އެބަތިބި. އެހެންވީމަ މި ކޮމްޕެޓިޝަނާ މެދު ވަރަށް ހިތްހަމަޖެހޭ."
"ސޯޝަލް މީޑިއާގައި ކެމްޕޭން އަދި ނުފެށިގެން މި އުޅެނީ. ޕޭޖެއް ހެދުމުގެ މަސައްކަތްކުރަމުން މި ދަނީ."
މިހާރު އެންމެ ގިނަ ވަގުތު ވޯކަލް ޓްރެއިނިންގައި!
މިއީ މާލެ ސިޓީގެ އޮޑިޝަނުން ގޯލްޑެން ޓިކެޓް ލިބުނު ޝިފާ އިބްރާހިމްގެ މިހާރުގެ 24 ގަޑިއިރު ގާތްގަނޑަކަށް ނިމިގެންދާ ގޮތެވެ.
"ލައިފަށް އައި ބަދަލު، ގޯލްޑެން ޓިކެޓް ލިބުނު ފަހުން އެގޮތަށް އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ ވޯކަލް ޓްރެއިނިން ހެދުން. މުޅި ދުވަހު ވެސް އެއްކޮށް ލަވަކިޔުމުގައި މި އުޅެވެނީ. ވޯކަލް އިތުރަށް ރަނގަޅުކުރުމުގައި،" ޝިފާ ބުންޏެވެ.
"އިރާދަކުރެއްވިއްޔާ ވަރަށް ނައިސް ރަނގަޅު ކޮމެންޓްސް ލިބެމުން ދަނީ. ފޭސްބުކްގައި ޕޭޖު ވެސް ހަދައިގެން ބޮޑު ތަރުހީބެއް ލިބެމުން ދަނީ. ބުނެދޭން ވެސް ނޭނގޭ ބަދަލެއް މިއީ ދިރިއުޅުމަށް އައި. މިއީ ދުވަހަކު ވެސް ތަޖުރިބާކުރެވުނު ބަދަލެއް ނޫން. ކުރިން ލަވަކިޔަން ހަގީގަތުގައި ފުރުސަތެއް ނުވެސް ލިބޭ. ވަރަށް ހެޕީ."
"ލައިފްގައި ދެކެން ބޭނުންވި އުފާވެރިކަމެއް މިއީ. މުޅިން ވެސް އަންއެކްސްޕެކްޓެޑް ކަންތައް ދިމާވަމުން މި ދަނީ."
"ގޯލްޑެން ޓިކެޓް ލިބޭނެ ކަމަކަށް އުއްމީދެއް ވެސް ނުކުރަން. އެއީ އަލަށް ޕާފޯމްކުރީމަ އެކަހަލަ ސްޓޭޖެއްގައި. ނޭނގޭ ދެން ވީގޮތެއް ވެސް އުފަލުން ގޮސް."
"އުއްމީދުކުރަނީ ޝޯގައި ވަރަށް ކުރިއަށް ދާނެ ކަމަށް. މި ފުރުސަތު ލިބުނީމަ ބޭނުންވޭ މީގެ ބޭނުން ވީހާ ވެސް ބޮޑުކޮށް ހިފާލަން."
އަލީ ރަމީޒުގެ އަޑާ ހަމަ ވައްތަރޭ!
މުހައްމަދު އިޝާންގެ އޮޑިޝަނުގައި އޭނާ ފުރަތަމަ ކިޔައިދިނީ އަލީ ރަމީޒުގެ "އައިޝާ" ގެ ކަވާއެކެވެ. އެ އޮޑިޝަނަށް ވުރެ އަދި ފުރިހަމަވެގެން މަޝްހޫރުވެގެން މަގްބޫލުވެގެން މިހާރު އުޅެނީ އޭނާ ރިކޯޑްކޮށް ސައުންޑްކްލައުޑްގައި ޝެއާކޮށްފައިވާ "އައިޝާ" ގެ ހިތްގައިމު ކަވާ ލަވައެކެވެ.
އެ ލަވަ އަޑުއަހާ އެންމެން ވެސް ބުނަމުން ދަނީ ދެ ވަނަ އަލީ ރަމީޒެއް އުފަންވެއްޖެ ކަމަށާއި އިޝާންގެ އަޑާއި އަލީ ރަމީޒުގެ އަޑާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ އިޝާން މިއީ ކުރިން ލަވަކިޔުންތެރިއެއް ނޫނެވެ. އޭނާ ލަވަކިޔަން ފެށީ އެކުވެރި ކުދިންތަކަކާ އެކު ހަދައިގެން އުޅުނު ބޭންޑެއްގައި ލަވަކިޔާނެ މީހަކު ނެތިގެންނެވެ.
އެންމެފަހުން އެ ނިންމުމާ އެކު އިޝާންގެ ދިިރިއުޅުން މި ވަނީ ނިކަން ބޮޑު ބަދަލެއްގެ ތެރެއަށް ވަދެފަ އެވެ.
"ލަވަކިޔާތާ ވަން އިޔާ އަދި. ބޭންޑްގައި ލަވަކިޔާނެ މީހަކު ނެތީމަ ލަވަކިޔަނީ. ދެން ޝައުގުވެރިކަން އުފެދުނީ،" އިޝާން ބުންޏެވެ.
"ގޯލްޑެން ޓިެކޓް ލިބުނު ގަޑި ސްޕީޗްލެސް. ކުލަ ނުޖެއްސިހުރި ހުވަފެންތަކުގައި ކުލަޖެއްސުން ފަދަ ކަމެއް. ވަރަށް ބޮޑު ކާމިޔާބީއެއް. މި ދާއިރާ އިން ލިބުނު އެންމެ ބޮޑު ކާމިޔާބީ އެ ގޯލްޑެން ޓިކެޓަކީ އަދި."
"މިހާރު ފޭސްބުކް ޕޭޖެއް ވެސް ހަދައިފިން. ހީއެއް ނުކުރާ ވަރުގެ ތަރުހީބެއް ލިބެމުން ދަނީ. މީހުން މި ވަރަށް ބަލައިގަންނާނެ ކަމަށް ހީއެއް ވެސް ނުކުރަން. މި އުފާވެރިކަން ނޭނގޭ ބަޔާންކޮށްދޭކަށް. މީހުން ބަލައިގަތުން އެއީ އެންމެ ބޮޑު ހިތްހަމަޖެހުން. ނުދަންނަ މީހުން ވެސް ދޭ ތަރުހީބު ފާހަގަކޮށްލެވޭ."
އޮޑިޝަނުގެ އެންމެ ބޮޑު އަގަ ނުވަތަ އެންމެ ބޮޑު ޓެލެންޓް!
ލައިޝާ ޖުނައިދަކީ މާލޭގެ އޮޑިޝަން ބެލި މީހުންގެ ހަނދާނުން ފިލައިގެންދާ ވަރަށް ވުރެ ކުލަގަދަކޮށް ތައްގަނޑު ޖަހާފައިވާ ކެރެކްޓާއެކެވެ. އޭނާ ދިޔައީ ޝޯގެ ޖަޖު އައްމަޑޭގެ ޓައީ ވެސް ހިފައިގެންނެވެ. އުމުރުން 18 އަހަރުގެ މި ލަވަކިޔުންތެރިޔާ އަކީ މިހާތަނަށް ފެނުނު ބައިވެރިންގެ ތެރެއިން އެންމެ އާދަޔާހިލާފު އެއް ކެރެކްޓާއެކެވެ. އަދި އެންމެ ގިނަ ބަޔަކު އެ ބައިވެރިޔަކާ ބެހޭ ގޮތުން އަނގަތަޅައިފޫހިނުވި ކެރެކްޓާއެކެވެ.
ލައިޝާ ވެސް ބުނީ ގޯލްޑެން ޓިކެޓަށް ފަހު ދިރިއުޅުމަށް އައި ބަދަލު ވަރަށް ވެސް ބޮޑު ކަމަށެވެ. ވަކިން ހާއްސަކޮށް ކުރިން ނުދަންނަ މީހުންގެ ސަމާލުކަން އާދަޔާހިލާފަށް ލިބިފައިވާކަން ފާހަގަކުރި އެވެ.
"ގޯލްޑެން ޓިކެޓް ލިބުމަށް ފަހު ވަރަށް ބޮޑަށް ޗޭންޖުވެއްޖެ. ކުރީ ދުވަހު އަޅުގަނޑު ސޭންޑް ވިޗެއް ގަންނަން ސިޓީ ބޭކަރީއަށް ގޮސް ހުއްޓާ މީހަކު އައިސް ނިކަން ލޯބިން ފިރުމާލާފައި ބުނީ ވަރަށް ވަރަށް އުފާވެއްޖޭ ވަރަށް ލޯބިކުއްޖެގޭ އަޅުގަނޑު މިއީ،" މޯލްޑިވިއަން އައިޑޮލް އިން ލިބުނު މަޝްހޫރުކަމާ ގުޅިގެން މީހެއްގެ ފަރާތުން ލިބުނު ކޮމެންޓެއް ލައިޝާ ހިއްސާކުރި އެވެ.
"އުނދަގުލެއް ނުވޭ މީހުން އައިސް އެގޮތަށް ކޮމެންޓްދީ އެކުގައި ފޮޓޯނެގިޔަސް. ވަރަށް ބޮޑަށް އުފާވަނީ. ފޮޓޯއެއް ނަގާލަން ވެސް ބުނެލާ މީހުންނާ އެކު ސެލްފީއެއް ނަގާލަނީ. ވަރަށް ރަނގަޅޭ ބުނެލާ. އެއްވެސް އުނދަގުލެއް ނުވޭ."
"އުއްމީދެއް ނުކުރަން ޓިކެޓް ލިބޭނެ ކަމަކަށް. އެހާ ކަމުދާނެ ކަމަކަށް ވެސް ގަބޫލެއް ނުކުރަން. ބޭނުންވީ ޓެލެންޓް ދައްކާލަން. އުޅޭ ކުއްޖެއްކަން އަންގާލަން."
"ޓިކެޓް ލިބުނީމަ ވަރަށް ބޮޑަށް ސީރިއަސްވެއްޖެ މިހާރު."
ކުރިން ޓްވިޓާއެއް ވެސް އެހާ ބޭނުމެއް ނުކުރަން. މީހުން ޓްވިޓާގައި ކޮބާހޭ ލައިޝާ ކިޔާފައި ގޮވާވަރުން ޓްވީޓްކޮށްލީ ވެސް. ފޭސްބުކްގައި ފޭން ޕޭޖެއް ވެސް ހަދައިގެން އުޅެނީ މިހާރު."
ބަޔާންކޮށްދޭން ނޭނގޭވަރުގެ އުފާވެރިކަމެއް!
މިއީ މާލޭގެ އޮޑިޝަނުން ގޯލްޑެން ޓިކެޓް ލިބުނު ހުރިހާ ކުދިންގެ ވެސް ޖުމްލަ އިހްސާސެވެ. އެއްބަޔަކު އުފަލުން ފޮޅިފައި ތިބިއިރު އަނެއް ބަޔަކު ލަވަތައް ދަސްކުރުމުގަ އާއި އަޑު އިތުރަށް ރީތިކުރުމުގައި އުޅެނީ ވަރަށް ބިޒީކޮށެވެ. އަނެއް ބަޔަކު ޕްރޮމޯޝަނަލް ޕޭޖްތައް ހިންގުމުގައި ބިޒީވެފަ އެވެ.
އަނެއް ކުދިންތައް އެ އުޅެނީ މަގުމަތިން ދިމާވާ ފޭނުންނާ އެކު ސެލްފީ ނެގުމުގަ އެވެ. ނުވަތަ ވަރަށް މޮޅޭ ކިޔާފައި ފޭސްބުކުން ގޮވާލާ އެންމެނަށް ވެސް ޝުކުރިއްޔާއޭ ބުނެލާނެ ވަގުތެއް ވެސް ނުވެގެންނެވެ.
ގޯލްޑެން ޓިކެޓް ލިބުނު އަޒްލީމާ ވެސް ބުނީ މިހެންނެވެ.
"މިހާރު ހަމަ ފޭސްބުކަށް ވެސް ނުވަދެވޭ ކޮމެންޓްތަކާއި ފްރެންޑް ރިކުއެސްޓް އަންނަވަރުން. މަގުމަތިން ދިމާވެގެން ވެސް މީހުން ބުނޭ ވަރަށް މޮޅޭ. ވަރަށް މަސައްކަތްކުރާނަން ފުރަތަމަ މޯލްޑިވިއަން އައިޑޮލްއަށް ވާން. ވަރަށް މޮޅު ލަވަކިޔުންތެރިޔަކަށް ވާން ބޭނުންވަނީ،" އަޒްލީމާ ބުންޏެވެ.