މިއުޒިކް

ކާފަގެ ލޯތްބަށް ނަޒީހުގެ އާ ލަވައެއް!

"ރާޅޭ" ގެ ޖާދޫ އަދިވެސް ނުކެނޑެ އެވެ. މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުގައި "ރާޅު ބޯއީ" ގެ ނަމުން ވިދާލައި، އެ އަޑެއްގެ ދީވާނާގައި ޖެއްސި އަހްމަދު ނަޒީހު އަޑުން އިވިގެން ދިޔަ އެ ލަވަ އަދިވެސް އޮތީ އެންމެންގެ ފޭވަރިޓް ޕްލޭލިސްޓުގަ އެވެ. މި ލިސްޓަށް އިތުރުކޮށްލާނެ ލަވައެއް އަނެއްކާވެސް ނަޒީހު މިއުޅެނީ ފޭނުންނަށް ދޭށެވެ.

މިފަހަރު ނަޒީހު 20، ގެނެސްދެނީ "އަނެ ބައްޕަ" އެވެ. މިއީ އޭނާގެ ކާފައަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ލަވައެކެވެ. އަންނަ އާދިއްތަ ދުވަހު މި ލަވަ ރިލީޒްކުރާނެ އެވެ. ޔޫޓިއުބާއި އަދި ލަވަފޮށިން އޭރަށް މި ލަވަ ސްޓްރީމުކުރެވޭނެ އެވެ.

"ކާފަ ނިޔަވީ ދެ ތިން އަހަރުކުރިން، 'އަނެ ބައްޕަ' އަކީ ކާފައަށް ގޭގެ އެންމެންވެސް ކިޔާ އުޅުނު ނަން، ކާފައަކީ ވަރަށް މަޖާ އަދި ހިތްހެޔޮ މީހެއް، މި ލަވަ މި ގެނެސްދެނީ ކާފަގެ ހަނދާނުގައި،" ނަޒީހު ބުންޏެވެ.

އައިޑޮލްއިން ވަކިވުމަށްފަހު ނެރުނު އަމިއްލަ ސޯލޯ ލަވަ އައިޑޮލްގެ ސްޓޭޖުމަތީގައި އަމިއްލައަށް ހުށަހަޅާލުމުގެ ފަހުރު އެންމެ ފުރަތަމަ ލިބުނީވެސް ނަޒީހު އަށެވެ. "ރާޅޭ" ގެ ޖާދުލުގައި އެންމެ ބޮޑަށް މީހުން ޖެހި ފޭވަރިޓް ޕްލޭލިސްޓުގެ ރާޑަރަށް މި ލަވަ އެރީވެސް އެހާއި ހިސާބުންނެވެ.

މި އާ ލަވައަކީ ނަޒީހު މިހާރު މަސައްކަތްކުރަމުން އަންނަ އޭނާގެ ސޯލޯ އަލްބަމްގެ ދެ ވަނަ ލަވަ އެވެ. ޖުމްލަ ހަ ލަވައެއް އެ އަލްބަމްގައި ހިމެނެ އެވެ. ފުރަތަމަ ލަވައެކޭ އެއްގޮތަށް މި ލަވައަކީވެސް އަމިއްލަ ރާގުގެ ލަވައެކެވެ. އަލްބަމްގެ މަސައްކަތުގެ އިތުރަށް ނަޒީހު އަންނަނީ ރިސޯޓު މިއުޒިކް ކުޅެމުންނެވެ. އަދި މާފުށީ ގެސްޓު ހައުސްތަކުގައި އޭނަ ޝޯތައްވެސް ދެ އެވެ.