ޝަމްވީލް މުހައްމަދު ނުވަތަ އެންމެންގެ (ބަރޯ) ގެ އާ ލަވައެއް ނެރެން ތައްޔާރު ވެއްޖެ އެވެ. މޯލްޑިވިއަން އައިޑަލް ނިމުމަށްފަހު ވެސް ދާއިރާއިން ނުގެއްލެން އަޒުމުގައި ހުރި ޝަމްވީލް މިދިޔަ އަހަރު ނެރުނީ ކުޑަކުދިންނަށް ހާއްްސަ ލަވަ އެެކެވެ. މި އަހަރު ކުރީކޮޅު ފެށި އަމިއްލަ އަލްބަމް "ސޮރު" ގެ ދެވަނަ ލަވަ "ފަރި ހަންޑި" މާދަމާ ރިލީޒް ކުރާނެ އެވެ.
މި ލަވައިގައި ކިޔައިދެނީ ސޮރުގެ ވާހަކަ އެކެވެ؛ ފުރަތަަމަ ލަވައިގައި ސޮރުގެ ކުރު ތައާރަފެއް ދިނުމަށްފަހު އޭނާގެ މޮޅު ވާހަކަތައް ފަށަނީ މި ލަވައިންނެވެ. ޝަމްވީލް ބުނި ގޮތުގައި މި ލަވައިގައި މުޅިން ވެސް ދައްކާނީ އެ ސޮރުގެ ފޮނި ވާހަކަތަކެވެ. ފަރި ހަންޑިއަކާ ދިމާވެގެން އެންމެން ކައިރީ ފޮނި ވާހަކަތައް ދައްކާ އެ ހަންޑިއަކީ ހަމައެކަނި އޭނާއަށް ފެންނަ އެއްޗެއް ކަމަށް ކިޔަމުން ރަށުތެރޭ އުޅޭ ވާހަކަތަކެވެ.
"ހުސް ފޮނި ކަނޑާހެން އެ ސޮރު ދެން އެ ވާހަކަތައް ދައްކާނީ. ފެންނަނީ ވެސް ހަމައެކަނި އޭނާ އަށް ކަމާ. ދެން އެ ސޮރާ ލޯބީގެ ގޮތުން ގުޅޭ ކަމާ އެ ގޮތަށް ލަވައިގެ ސްޓޯރީ އޮންނާނީ" ޝަމްވީލް ބުންޏެވެ.
މާދަމާ ނެރޭ ލައިވް ވާޝަން އަށްފަހު ސްޓޫޑިއޯ ވާޝަންއެއް ވެސް ރިލީޒް ކުރާނެ ކަމަށް ޝަމްވީލް ބުންޏެވެ.
ރާއްޖޭގެ މިއުޒިކް ސްޓްރީމިން ލަވަފޮށްޓަށް ރިލީޒް ކުރާ "ފަރި ހަންޑި" އަކީ ޝަމްވީލްގެ މެލޮޑީ އަކަށް، މުހައްމަދު އަބްދުލްގަނީ (ތޭރަވާ) ގެ ލިރިކްސް އާއެކު އުފައްދާފައިވާ ލަވަ އެކެވެ.
މި ލަވައިގެ އާޓްވޯކް ހަދާފައިވަނީ "ލޮނުފެން" ސްޓޫޑިއޯއިންނެވެ.