މިއުޒިކް

ބޮޑު އީދުގެ ފޯރިގަދަ ޝޯތަކަށް ތަރިން އެކި ދިމަދިމާލަށް

ބޮޑު އީދާއެކު ދިވެހި ފިލްމީ ތަރިންނާއި މިއުޒީޝަނުންނަށް ބޮޑު އީދުވެސް ފެށުނީ އެވެ. މިއީ ފަންނާނުން އަވަދިނެތި އެންމެ ބިޒީ ވާނެ ދުވަސްވަރެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި އީދު ޝޯތައް ދިނުމަށް ހޭބޯނާރާއި ތައްޔާރުވަމުންދާ ދުވަސްވަރެވެ. މިފަހަރު ބައެއް ފަންނާނުން ރާއްޖެއިން ބޭރަށް ދިއުމަށްވެސް އަންނަނީ ތައްޔާރުވަމުންނެވެ.

މި ފަންނާނުންގެ ހުނަރާއި ފަރި ހަރަކާތްތަކާއި ނުލައި އީދު ފުރިހަމަވެސް ނުވެ އެވެ. މިފަހަރުވެސް ގިނަ ފަންނާނުންތަކެއް އެކި ސަރަހައްދުތަކުގައި އެމީހުންގެ ފަންނުވެރިކަން ދައްކާލާން ދާނެ އެވެ.

އެންމެ ބާރުބޮޑީ ސުނީއަށް

ކޮންމެ އަހަރަކު އީދު ޗުއްޓީގައި އެންމެ ބިޒީ ފަންނާނަކަށް ވަނީ ރާއްޖޭގައި ހުރި ޕްރިޔަންކާ ޗޯޕްރާގެ އެންމެ ބޮޑު ފޭން އަދި ޕީސީ ރޮކްސްޓަރު، ސުނީތާ އަލީ އެވެ. އީދު ޗުއްޓީއަށް ލިބޭ ފަސް ދުވަހުވެސް ސުނީގެ ޝޯއެއް އޮންނާނެ އެވެ. އޭގެ ތެރެއިން ތިން ޝޯއެއް މިހާރު ވަނީ ފައިނަލްވެފަ އެވެ.

ފުރަތަމަ ޝޯ އޮންނަނީ އޮގަސްޓް 21 ގައި އަވައްޓެރި ސްރީލަންކާގަ އެވެ. ދެ ވަނަ ޝޯ އޮތީ ޅ. އަތޮޅު ހިންނަވަރުގައި ޖެހިގެން އަންނަ ދުވަހު އެވެ. އަދި ތިން ވަނަ ޝޯ އޭގެ އަނެއް ދުވަހު ހަމަ އެ އަތޮޅު ކުރެންދޫގައި އޮންނާނެ އެވެ. ބާކީ ދެ ޝޯވެސް ވަރަށް އަވަހަށް ފައިނަލް ކުރާނެ އެވެ.

ސުނީއާއެކު އައިޑޮލްގެ ފޭވްރިޓްސް ލަންކާއަށް

މޯލްޑިވިއަން އައިޑޮލްގެ ތިން ސީޒަނެއް ގެނެސްދިން އިރު، އޭގެ ތެރެއިން ފުރަތަމަ ސީޒަނާއި ފަހު ސީޒަންގައި ޓައިޓަލް ނުލިބުނު ނަމަވެސް، ހިތްތަކުގެ އައިޑޮލްގެ ގޮތުގައި ވިދާލި ދެ ލަވަކިޔުންތެރިން މިފަހަރު އީދު ޝޯ ދޭނީ ލަންކާގަ އެވެ. ޝަލަބީ އިބްރާހިމް އާއި މަރިޔަމް މައީޝާގެ އަޑު މިފަހަރު ގުގުމާލާނީ ލަންކާއިންނެވެ.

ލަންކާގެ ސޯސަލް ވިލާގައި އޮންނަ މި ޝޯއަކީ ސުނީވެސް ފެނިގެންދާނެ ޝޯ އެވެ. ޝަލަބީ އަދި މައީޝާއާއެކު މި ޝޯގައި އައިޑޮލްގެ ފޭވަރިޓުން ކަމުގައިވާ ހުސެން އިރުފާން (ޒަކިއްޓެ) އަދި އައިޝަތު ސައިނާ މުހައްމަދު ރަޝީދު ވެސް ބައިވެރިވާނެ އެވެ. މިއީ ރާއްޖޭގެ މަޝްހޫރު މިއުޒިކް ޕްރޮޑަކްޝަން ސްޓޫޑިއޯ، ހައުސް އޮފް މިއުޒިކްއާއި ގުޅިގެން ބާއްވާ ޝޯއެކެވެ.

ވެލިދޫއަށް އައިޑޮލްގެ އީދެއް

ބޮޑު އީދާއެކު ވެލިދޫއަށް އައިޑޮލްގެ އީދެއް އަންނަނީ އެވެ. މޯލްޑިވިއަން އައިޑޮލްގެ ފޭވަރިޓް ހޮސްޓު، މޫސާ ވަސީމްއާއެކު އައިޑޮލްގެ ލަވަކިޔުންތެރިންނާއި އިތުރު ފަންނާނުން މިފަހަރު އެ ރަށުގައި އަޑުގަދަކޮށްލާނެ އެވެ. އީދު ފަސް ދުވަހު ވެލިދޫގައި ކުރިއަށްދާ ހަރަކާތްތައް ހޮސްޓުކޮށްދޭނީ މޫސަ އެވެ.

ހަސަން ޝަހުދާން، ޝަލަބީ އިބްރާހިމް، މަރިޔަމް މައީޝާ، ހަސަން އިރުފާން (ޒަކިއްޓެ) އަދި އަހްމަދު ޝަމްވީލް (ބަރޯ) ވެލިދޫ އީދު އުފާގައި ބައިވެރިވާނެ އެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ ކުޑަ އިއްބެވެސް ބައިވެރިވާނެ އެވެ.

މީގެ އިތުރުން މަޝްހޫރު ފިލްމީ ތަރިން ކަމުގައިވާ އަބްދުﷲ މުއާޒް، ޖުމައްޔިލް ނިމާލް، މަރިޔަމް އައްޒަ އަދި ނިއުމާގެ ފިލްމު "ނިވައިރޯޅި" ގެ ޓީމުންވެސް އީދު އުފާގައި ބައިވެރިވުމަށް އެ ރަށަށް ދާނެ އެވެ.

ރިޝްމީއާއި އަޒޭ ތ އަދި ދ އަށް

ދިވެހި ފިލްމީ ދާއިރާގައި ފާހަކަގަކޮށްލެވޭ ދެ ނެށުންތެރިން ކަމުގައިވާ ރިޝްމީ ރަމީޒް އަދި އަހްމަދު އަޒްމީލް (އަޒޭ) މި ފަހަރު ފޯރި ގަދަކޮށްލާނީ ތ އަދި ދ އަތޮޅުގަ އެވެ. އެ ދެ ތަރިންނާއެކު ލަވަކިޔުންތެރިޔާ ހުސެން ސޮބާހު އަދި ސޭންޑީގެ އިތުރުން އިތުރު ފަންނާނުންވެސް މި ޝޯތަކުގައި ބައިވެރިވާނެ އެވެ.

ފުރަތަމަ ޝޯ އޮތީ އީދު ދުވަހު ތ. ބަނޑީދޫގަ އެވެ. ދެ ވަނަ ޝޯ އޮތީ ވަޅު އީދު ދުވަހު ދ. އޮމަދޫގަ އެވެ.