ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ތެރެއިން 17 އިންސައްތަ މީހުން މަރުވަނީ ކެންސަރު ބަލީގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ -- ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ 2020 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނެއްގައިވާ ގޮތުން ދިވެހިރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާ ތިން ސަބަބުތަކުގެ ތެރޭގައި ކެންސަރު ހިމެނެއެވެ.
މިގޮތުން އާސަންދައިގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި 2016 އިން 2019 އަށް ރާއްޖޭގައި 7500 އަށް ވުރެ ގިނަ މީހުން ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދާފައެވެ. މީގެ ތެރެއިން ފިރިހެނުންނަށް ޖެހޭ ކެންސަރަށް އެންމެ ގިނއިން ފަރުވާ ހޯދާފައިވަނީ ފުއްޕާ މޭގެ ކެންސަރަށެވެ. އަދި އަންހެނުންނަށް ޖެހޭ ކެންސަރަށް އެންމެ ގިނައިން ފަރުވާ ހޯދާފައިވަނީ އުރަމަތީގެ ކެންސަރަށެވެ.
ރާއްޖޭގއި ފިރިހެނުންނަށް އާންމުކޮށް ޖެހާ ކެންސަރު ވައްތަރުތަކުގެ ތެރޭގައި ފުއްޕާމޭ، ޕްރޮސްޓޭޓް، ކޮލޮރެކްޓަލް، ބަނޑާއި ފުރަ މޭގެ ކެންސަރު ހިމެނެއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަންހެނުންގެ ތެރޭގައި އެންމެ ގިނައިން ފެންނަނީ އުރަމަތި، ކޮލޮރެކްޓަލް، ފުއްޕާމޭ، ރަހިމުގެ ދޮރަށްޖެޅޭ (ސާވައިކަލް) އަދި ތައިރޮއިޑް ކެންސަރެވެ.
ކެންސަރު ޖެހުމަށް މަގުފަހިވާ ކަންކަން:
- ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުން.
- ކެއިންބުއިމުގެ ނުރަނގަޅު އާދަތައް.
- ދުފުން.
- އެކަށީގެންވާ މިންވަރަށް ހެލިފެލިވެ ކަސްރަތުކޮށް ނޫޅުން.
- ބަރުދަން ހުންނަންވާ މިންވަރަށް ވުރެ އިތުރުވުން.
- ބަނގުރާ ބުއިން.
- އަތްވަށް ހުށަހެޅުން.
ކެންސަރުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:
- އެޗްޕީވީ ވެކްސިން ޖެހުން.
- އަވިން ރައްކާތެރިވުން.
- ދަރިފުޅަށް ގާތުން ކިރުދިނުން.
- ރައްކާތެރި ގޮތުގައި ޖިންސީ ގުޅުން ހިންގުން.
- ކެއުމުގައި މޭވާއާއި ތަރުކާރި ވީހާވެސް ގިނައިން ބޭނުން ކުރުން.
- ގަވާއިދުން ކަސްރަތުކޮށް ބަރުދަން އެއްވަރެއްގައި ހިފެހެއްޓުން.
- ގަވާއިދުން ކެންސަރު ބައްޔަށް ސކްރީން ކުރުން.
- ވައި ތަގައްޔަރު ވުން ކުޑަކުރުމާއި ވައި ނުސާފު ވަގުތުތަކުގައި ރައްކާތެރިވުން.
ކެންސަރު ބައްޔަކީ ހަށިގަނޑުގެ ތެރޭގައި ސެލްތައް އުފެދޭ އުފެދުން ކޮޓްރޯލުން ނެއްޓި އާދަޔާ ހިލާފަށް ގިނައިން ސެލް އުފެދުމުން ޖެހޭ ބަލިބަލީގެ ތެރޭގައި ހިމެނޭ ބައްޔެކެވެ. ކެންސަރު އުފެދިފައިވާ ސަރަހައްދުގެ ޓިޝޫތަކާއި ސެލްތައް ކޮންޓްރޯލެއް ނެތި ބޮޑުވެއެވެ.
މި ބައްޔަކީ ހަށިގަނޑުގެ ކޮންމެ ތަނެއްގައިވެސް އުފެދިދާނެ އަދި މިބަލި ދުރާލާ ދެނެގަނެ ފަރުވާ ނުހޯދިއްޖެނަމަ ނުވަތަ ފަރުވާއިން ކޮންޓްރޯލް ނުކުރެވިއްޖެނަމަ، ހަށިގަނޑުގެ އެހެން ބައިތަކަށް ނުވަތަ ގުނަވަންތަކަށް ފެތުރިގެންދާ ބައްޔެކެވެ.