ހަބަރު

ބިންހެލުމާ ގުޅިގެން އެހީވުމަށް ފަންޑެއް ހުޅުވައިފި

Feb 7, 2023

ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް އައި ބާރުގަދަ ބިން ހެލުމާ ގުޅިގެން ހާލުގައި އެތައްހާސް ބަޔަކަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓުން ފަންޑެއް ހުޅުވައިފި އެވެ.

އިއްޔެގެ ވަގުތެއްގައި އައި މި ބިން ހެލުމާ ގުޅިގެން މަރުވި މީހުންގެ އަދަދު ވަނީ 6،000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެެ.

ތުރުކީގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީ (އައިއެފްއާރްސީ) އިން 200 މިލިއަން ސްވިސް ފްރެންކްސް (216.4 މިލިއަން ޑޮލަރު)ގެ ކުއްލި އެހީ ހޯދުމުގެ އިލްތިމާސްއެއް ނެރެފަ އެވެ.

ދިވެހި ރެޑް ކްރެސެންޓުން ފަންޑެއް ހުޅުވީ އައިއެފްއާރްސީގެ އިލްތިމާސަށް އިޖާބަ ދިނުމުގެ ގޮތުންނެވެ.

ދިވެހި ރެޑް ކްރެސެންޓުން ބުނީ މިއަދުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

ބީއެމްއެލްގެ ކަސްޓަމަރުން ފައިސާ ޖަމާކުރުން

  • 7701-176022-001 (ރުފިޔާ އެކައުންޓް)
  • 7701-176022-002 (ޑޮލަރު އެކައުންޓް)

އިސްލާމިކް ބޭންކުގެ ކަސްޓަމަރުން ފައިސާ ޖަމާކުރުން

  • 9901-01-55500036-100 (ރުފިޔާ އެކައުންޓު)
  • 9901-01-55500036-200 (ޑޮލަރު އެކައުންޓު)

ތުރުކީއަށް ލިބުނު ބޮޑު ގެއްލުމާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން ވަނީ އެ ގައުމަށް އެހީވުމަށް ހުޅުވާލާފަ އެވެ. އަދި ބައެއް ގައުމުތަކުގެ އެހީއާއި ރެސްކިއު ޓީމުތައް މިހާރު ވަނީ ތުރުކީއަށް ފޮނުވާފަ އެވެ.