މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރައީސް އޮފީހުން ބްރޯޑްކޮމްގެ މެންބަރު ކަމަށް މިދިޔަ މަހުގެ 12 ވަނަ ދުވަހު ހުޅުވާލީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަހުމަދު ގައިސް ކޮމިޝަންގެ މެންބަރު ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ގައިސްގެ ބަދަލުގައި ކޮމިޝަނަށް މެންބަރަކު ނެގުމަށް ހުޅުވާލުމުން ކުރިމަތިލެއްވި ފަސް ބޭފުޅުންގެ ތެރެއިން މަޖިލީހަށް ފެންނަ ބޭފުޅަކަށް ރުހުން ދިނުމާ މެދު ފެންނަ ގޮތެއް އަންގަވައިދެއްވުން އެދިވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުއްވި ސިޓީ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.
ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުން
- އައިމިނަތު ނުޒުހާ - ރިވޯޑް، ހ. ހޯރަފުށި
- ހުސައިން އަމުރު - ވ. ރޯޝަން
- ޝާން ސޯލިހް މުހައްމަދު - ފިނިވާދީ، ދ. ކުޑަހުވަދޫ
- މަރިޔަމް ނަރީމާން ޝަރީފް - މުޝްތަރީގެ، ގދ. ތިނަދޫ
- މަރިޔަމް މުނާ - ބޯގަންވިލާ، ސ. ފެދޫ
ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަން ކުރާ މީހަކީ އުމުރުން 18 އަހަރުވެފައިވާ ދިވެއްސަކަށް ވާން ޖެހެ އެވެ. އަދި އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިން ކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ ނުވާ މީހަކަށް ވެސް ވާން ޖެހެ އެވެ.
މީގެއިތުރުން ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަން ކުރެވޭ މަގާމެއްގައި ހުރި މީހަކަށް ނުވަތަ ސިވިލް ސާވިސްގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އެހެން ވަޒީފާއެއް އަދާ ކުރާ މީހަކަށް ވެގެން ނުވެ އެވެ. އަދި ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގައި މާލީ މަސްލަހަތެއް އޮތް މީހަކަށް ވެގެންވެސް ނުވެ އެވެ.
ބްރޯޑްކޮމް އަކީ ހަތް މެމްބަރުން ތިއްބަވާ ކޮމިޝަނެކެވެ. ކޮމިޝަންގެ ރައީސްއަކީ މަރިޔަމް ވަހީދާ އެވެ. ކޮމިޝަންގެ މިހާރުގެ މެމްބަރުންނަކީ އަމްޖަދު ވަހީދު އާއި އަލީ ޔޫސުފް އާއި އާމިނަތު އަމީނާގެ އިތުރުން މުހައްމަދު ފަޒީން އަދި ޝިފްލާ އިބްރާހީމް އެވެ.
އަމްްޖަދުގެ ދައުރު ހަމަވާތީ އޭނާގެ ބަދަލުގައި ކޮމިޝަނަށް މެންބަރަކު ނެގުމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ވެސް މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެެވެ.