ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ -- ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި 500 ލީގު ގޯލު ހަމަކޮށްފި އެވެ.
ރޮނާލްޑޯ މި އަދަދު ހަމަކުރީ އޭނާ މިހާރު ކުޅޭ ކްލަބް އަލް ނަސްރު ރޭ ސައުދީ ޕްރޯ ލީގުގައި ކުޅުނު މެޗުގައި ހަތަރު ގޯލު ޖަހައިގެންނެވެ.
ރޮނާލްޑޯގެ ލަނޑުތަކާ އެކު އަލް ވެހްދާއާ ދެކޮޅަށް ކުޅުނު މެޗުން އެޓީމު މޮޅުވީ 0-4 އިންނެވެ.
ތަފާތު ފަސް ލީގުގައި ކުޅެ ރޮނާލްޑޯ ޖެހި ލީގު ގޯލުގެ އަދަދު ވަނީ 503 އަށް އަރާފަ އެވެ. އުމުރުން 38 އަހަރުގެ ޕޯޗުގަލް ފޯވާޑް ވަނީ މީގެ ކުރިން ޕޯޗުގަލް ލީގާއި އިނގިރޭސި ޕްރިމިއާ ލީގުގެ އިތުރުން ސްޕެނިޝް ލީގު އަދި އިޓާލިއަން ލީގުގައި ގިނަ ލަނޑުތަކެއް ޖަހާފަ އެވެ.
މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ރޮނާލްޑޯ ދުނިޔޭގެ އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިޔާގެ ގޮތުގައި އަލް ނަސްރަށް ބަދަލުވީ މިދިޔަ ޑިސެމްބަރު މަހު އެވެ.
އެޓީމަށް ބަދަލުވެ ފުރަތަމަ ތިން މެޗުގައި ރޮނާލްޑޯ އަށް ޖެހުނީ އެންމެ ގޯލެކެވެ. އެކަމަކު ރޭގެ މެޗުގައި ރޮނާލްޑޯގެ ފަރާތުން މޮޅު ކުޅުމެއް ފެނުނެވެ. މެޗުގެ ގޯލުތައް ރޮނާލްޑޯ ޖެހީ 21، 40، 51 އަދި 61 ވަނަ މިނެޓުގަ އެވެ.
ރޮނާލްޑޯ ވަނީ ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑަށް ދެ ފަހަރު ކުޅެ 103 ގޯލު ޖަހައިފަ އެވެ. ސްޕެއިންގެ ރެއާލް މެޑްރިޑްގައި 311 ލީގު ގޯލު ޖެހި އެވެ. ރޮނާލްޑޯގެ ލަނޑު ޖެހުމުގެ ރެކޯޑް އެންމެ ރަނގަޅީ ވެސް އެ ކްލަބުގަ އެވެ. އިޓަލީގެ ޔުވެންޓަސް އަށް ކުޅުނު މުއްދަތުގައި އެޓީމަށް 81 ގޯލު ޖަހައިދިނެ އެވެ. އަދި ރޮނާލްޑޯގެ ކެރިއަރު ފެށި ޕޯޗުގަލް ސްޕޯޓިން ލިސްބަން އަށް ތިން ގޯލު ޖެހި އެވެ.
ރޮނާލްޑޯގެ ގޯލުތަކާ އެކު މޮޅުވެ އަލް ނަސްރު މިހާރު ވަނީ އަލުން އެއްވަނަ އަށް އަރާފަ އެވެ. ގޯލުގެ ތަފާތުން އެޓީމު އެއްވަނައިގައި އޮތްއިރު ދެވަނައިގައި އޮތީ އަލް ޝަބާބް އެވެ