މެންޗެސްޓާ ސިޓީއިން ކްރިސްޓިއާނޯ އޮނާލްޑޯއަށް ކަޅި އަޅަނިކޮށް މެންޗެސްޓާ ޔުނައިޓެޑުން ރޮނާލްޑޯ އެޓީމަށް ގެންގޮސްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފުޓްބޯޅައިގެ ދުނިޔޭގައި އެންމެ ބޮޑަށް ވައިގައި ހިފި ވާހަކައަކީ މެންޗެސްޓާ ސިޓިއިން ރޮނާލްޑޯ އެޓީމަށް ގެންދަން މަސައްކަތް ކުރާ ވާހަކަ އެވެ. އަދި އެއީ "ޑަން ޑީލެ" އް ކަމަށް ސޯޝަލް މީޑިއާގައި އަޑު ފެތުރެމުން ދިޔަ އެވެ.
ނަމަވެސް ޓްރާންސްފާ މާކެޓު ނިމެން ދެތިން ދުވަހަށް ވެފައި ވަނިކޮށް މެންޗެސްޓަ ޔުނައިޓެޑުން މިވަނީ ރޮނާލްޑޯ އެޓީމަށް ގެންގޮސްފަ އެވެ. މިކަން އެންގުމުގެ ގޮތުން ވެލްކަމް ރޮނާލްޑޯ ޖަހައި އޭނާގެ ފޮޓޯ އަކާއެކު އެޓީމުން ރޭގެ ވަގުތެއްގައި ޓްވީޓެއް ކޮށްފަ އެވެ.
ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވެފައި މިވަނީ ކޮން އަގެއްގައި ކަމެއް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުން ރޮނާލްޑޯގެ ޕާސަނަލް ޓާމްސް ތަކަކާއެކު ޔުނައިޓެޑުން ވަނީ އޭނާ އެޓީމަށް ގެންދަން އެއްބަސްކޮށް ޔުވެންޓަސްގެ ރުހުން ހޯދާފަ އެވެ. މިއަދުގެ ވަގުތެއްގައި ރޮނާލްޑޯގެ މެޑިކަލް ޓެސްޓުތައް ހެދުމަށްފަހު ރި÷ޯޓުތައް ލިބުމުން ރަސްމީކޮށް އޭނާ ޔުނައިޓެޑަށް ސޮއި ކުރާނެ ކަމަށް ބެލެވެ އެވެ.
ސިޓީއަށް ރޮނާލްޑޮ ބަދަލުވަން އުޅޭ ކަމުގެ އަޑުތައް ފެތުރުމުން ގިނަ ބަޔަކު ވަނީ ރޮނާލްޑޯއަށް ފާޑު ކިޔާފަ އެވެ. އެއީ ދުވަހަކުވެސް ސިޓީއަށް ބަދަލު ނުވާނެ ކަމަށާއި، ރުފިޔާއަށްވުރެ އޭނާއަށް ޕެޝަން މާ މުހިންމު ކަމަށް 2015 ވަނަ އަހަރު އޭނާ ބުނެފައި ވާތީ އެވެ.
ޔުނައިޓެޑުން ވިދާލި ކްރިސްޓިއާނޯ ރޮނާލްޑޯ އެޓީމު ދޫކުރުމަށް ފަހު ބަދަލުވީ ސްޕެއިންގެ ރެއާލް މެޑްރިޑަށެވެ. އޭގެ ފަހުން އިޓަލީގެ ޔުވެންޓަސްއަށް ކުޅުމަށްފަހު އޭނާ އެނބުރި ޔުނައިޓެޑަށް މިދިޔައީ 12 އަހަރަށްފަހު އެވެ. ފަސް ފަހަރު ބެލެންޑިއޯ ހޯދާފައިވާ ރޮނާލްޑޯ ވަނީ ޔުނައިޓެޑުގައި 292 މެޗު ކުޅެދީ 119 ގޯލު ކާމިޔާބު ކޮށްދީފަ އެވެ.