ފައިނަލުގައި ސައުދީ އަރަބިއާގެ އަލް ހިލާލް 3-5 އިން ބަލިކޮށް ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިންގެ ރެއާލް މެޑްރިޑް އިން ހޯދައިފި އެވެ.
މޮރޮކޯގެ ރަބާތުގައި ކުޅުނު ފައިނަލުން ހޯދި މޮޅަކީ ކްލަބް ވޯލްޑް ކަޕްގެ ތާރީހުގައި ރެއާލް މެޑްރިޑްގެ ފަސް ވަނަ ތައްޓެވެ. މީގެ ކުރިން އެޓީމުން ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދީ 2014، 2016، 2017 އަދި 2018 ވަނަ އަހަރު އެވެ. ކްލަބް ވޯލްޑް ކަޕް ރެއާލަށް ނުލިބުނީ ހަމައެކަނި 2000 ވަނަ އަހަރު އެވެ. އެފަހަރު އެޓީމަށް ލިބުނީ ހަތަރު ވަނަ އެވެ.
ރެއާލް އަކީ ކްލަބް ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމެވެ. މި މުބާރާތުގައި ވާދަކުރަނީ ބައްރުތަކުގެ ޗެމްޕިއަނުންނެވެ. ރެއާލް މިފަހަރުގެ މުބާރާތުގައި ވާދަކުރީ މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުންނެވެ. އަލް ހިލާލް އަކީ 2021 ވަނަ އަހަރުގެ އޭއެފްސީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޓީމެވެ.
ރޭގެ މެޗުގައި 8 ގޯލު ފެނުނުއިރު ފުރަތަމަ ހާފު ނިމުނީ 1-2 އިން ރެއާލް ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފުގައި ރެއާލުން އިތުރު ތިން ގޯލު ޖެހިއިރު އަލް ހިލާލް އިން ދެ ގޯލު ޖެހި އެވެ. މެޗުގައި ރެއާލްގެ ފަސް ގޯލު ޖެހީ ވިނީޝިއަސް ޖޫނިއާ އާއި ފެޑެރިކޯ ވަލްވޭޑޭގެ އިތުރުން ކަރީމް ބެންޒެމާ އެވެ. މެޗުގައި ވިނީޝީއަސް އާއި ވަލްވޭޑޭ ދެ ގޯލު ޖެހި އެވެ.
އަލް ހިލާލްގެ ގޯލުތައް ކާމިޔާބުކޮށްދިނީ މޫސާ މަރޭގާ އާއި ލޫސިއާނޯ ވިއޭޓޯ އެވެ. ކުރިން ފުލަމް އަށް ކުޅުނު ވިއޭޓޯ މެޗުގައި ދެ ގޯލު ޖެހި އެވެ.
ހިލާލް އަކީ ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކުރި ސައުދީގެ ފުރަތަމަ ޓީމެވެ. އެޓީމު ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ސެމީ ފައިނަލުގައި ބްރެޒިލްގެ ފްލެމެންގޯ ބަލިކޮށްގެންނެވެ. ރެއާލުން ފައިނަލުގެ ޖާގައެއް ހޯދީ ސެމީ ފައިނަލުގައި މިސްރުގެ އަލް އަހްލީގެ މައްޗަށް 1-4 އިން ކުރި ހޯދައިގެންނެވެ.
ކްލަބް ވޯލްޑް 2025 ވަނަ އަހަރުގެ ޖޫން މަހު އޮންނާނީ އާ ފޯމެޓަކަށެވެ. އެ މުބާރާތުގައި 32 ކްލަބް ވާދަކުރާނެ އެވެ. އާ ފޯމެޓާ އެކު ކްލަބް ވޯލްޑް ކަޕް ބާއްވާނީ ކޮންމެ ހަތަރު އަހަރަކުންނެވެ.