ލައިފްސްޓައިލް

ކުޑަ ކުއްޖަކު، ބަލި ބައްޕަ އަތްގާޑިޔަލަކަށް ލައިގެން ހޮސްޕިޓަލަށް

ކުޑަ ފިރިހެން ކުއްޖަކު އޭނާގެ ވަރަށް ބަލި ހާލުގައި އޮތް ބައްޕަ ގާޑިޔަލަކަށް ލައިގެން ދަމާފައި ގެންދާ މަންޒަރުން ގިނަ ބަޔެއްގެ ހިތަށް ތަދުވެއްޖެ އެވެ.

އިންޑިޔާގެ މަދްޔަ ޕްރަދޭޝްގެ ސިންގްރައުލީ ޑިސްޓްރިކްޓްގައި އިއްޔެ ހިނގި މި ހާދިސާގެ މަންޒަރުތައް މިހާރު ވަނީ އިންޓަނެޓުގައި ވައިރަލް ވެފަ އެވެ.

އުމުރުން އެންމެ 6 އަހަރުގެ މި ކުއްޖާ އޭނާގެ ބައްޕަ ގޮވައިގެން ދިޔައީ އެ ސަރަހައްދުގައި ހުންނަ ސަރުކާރު ހޮސްޕިޓަލަކަށެވެ.

މި ކުއްޖާއަށް އޭނާގެ ބައްޕަ އަތްގާޑިޔަލަކަށް ލައިގެން ގެންދަން ޖެހުނީ އެމްބިއުލެންސެއްގައި ގެންދެވޭ ވަރަށް ފައިސާ ނެތިގެންނެވެ.

ހޮނިހިރު ދުވަހު ހިނގި މި ހާދިސާ ގިނަ ބަޔެއްގެ ސަމާލުކަމަށް އައީ ކޮންމެވެސް ބަޔަކު މި މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ޝެއާ ކުރީމެވެ. ކުއްޖާ ގާޑިޔާ ދަމަމުން ދިޔައިރު އޭނާއަށް އެހީތެރިވަމުން ދިޔައީ އޭނާގެ މަންމަ އެވެ. ދެ މައިން ވެގެން ގާޑިޔާ ދަމަމުން ތިން ކިލޯމީޓަރެއްހާ ހިސާބަށް ގެންދިޔަ ކަމަށް ވެއެވެ.

މި ވީޑީއޯ ވައިރަލް ވުމުން މި ސަރަހައްދުގެ ކަންތައްތައް ބަލަހައްޓާ އިދާރާތަކުން ވަނީ މިކަން ހިނގި ގޮތް ތަހުގީގުކުރަމުންދާ ކަމަށް ބުނެފަ އެވެ. އަދި ކުއްޖާގެ ބައްޕަ ހޮސްޕިޓަލަށް ގެންދަން އެމްބިއުލެންސެއް ނުލިބުނު ގޮތް ބަލައި އަލުން މިފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަކަށް ފިޔަވަޅުތައް އަޅާނެކަމަށް ވެސް ކަމާ ބެހޭ ފަރާތްތަކުން ބުނެފައި ވެއެވެ.އޭނާގެ މަންމަ ވެސް އެއްއޭނާއާ އެއްވަރަކަށް ހިނގަމުން ދިޔަ އެވެ.