ފައިސަލް ނަސީމް

ނައިބް ރައީސް ވޯލްޑް ގަވަރުމަންޓް ސަމިޓްގައި ބައިވެރިވެވަޑައިގެންފި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގެ މަދީނާތު ޖުމެއިރާގައި މިހާރު ކުރިއަށްދާ ނުވަވަނަ ވޯލްޑް ގަވަރުމަންޓް ސަމިޓްގައި ނައިބް ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންފި އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސަމިޓް ހޯސްޓް ކޮށްދެއްވާފައިވަނީ ޔޫއޭއީގެ ނައިބް ރައީސް، ޕްރައިމް މިނިސްޓަރު އަދި މިނިސްޓާ އޮފް ޑިފެންސްގެ އިތުރުން ދުބާއިގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމް އެވެ.

"ޝޭޕިން ފިއުޗާ ގަވަރުމަންޓްސް" މި ޝިއާރުގެ ދަށުން ބާއްވާ ވޯލްޑް ގަވަރުމަންޓް ސަމިޓް 2023 ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެކި ފިކުރުގެ ލީޑަރުންނާއި، ބައިނަލްއަގުވާމީ މާހިރުންނާއި، ނިންމުންތައް ނިންމާ ފަރާތްތައް އެއްތަނަކަށް އެއްވެ، ހިޔާލު ބަދަލުކޮށް، މުސްތަގުބަލުގެ ސަރުކާރުތައް ބައްޓަންކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ސިޔާސަތުތަކާއި ޒަރޫރީ މޮޑެލްތައް އެކުލަވާލުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ އެވެ.

މި އަހަރުގެ ސަމިޓުގެ އެޖެންޑާގައި އިންސާނިއްޔަތަށް ރަނގަޅު މުސްތަގުބަލެއް ބިނާކުރުމުގެ މައްޗަށް އަމާޒުކޮށް، މައިގަނޑު ހަ މައުލޫއަކަށް އަލިއަޅުވާލާފައިވެ އެވެ.

މީގެތެރޭގައި ތަރައްގީއާއި ހިންގުން ހަލުވިކުރުމާއި، މުޖުތަމައުތަކާއި ސިއްހީ ހިދުމަތުގެ މުސްތަގުބަލް ދެނެގަތުމާއި، އިގްތިސާދީ ރެޒިލިއަންސް އެންޑް ކަނެކްޓިވިޓީ ހިންގުމުގެ އިތުރުން ގްލޯބަލް ސިޓީ ޑިޒައިން އެންޑް ސަސްޓެއިނަބިލިޓީ ހިންގުން އަދި އުނގެނުމާއި މަސައްކަތަށް އިސްކަންދިނުން ހިމެނެ އެވެ.

މި ސަމިޓަކީ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ އެންމެ ރަނގަޅު ކަންތައްތަކާއި އެ ކަންކަމަށް އެންމެ ރަނގަޅު ހައްލުތައް ދައްކާލައި ހިޔާލު ބަދަލުކުރުމަށް ހާއްސަ ޕްލެޓްފޯމެއް ލިބިގެންދާނެ ސަމިޓެކެވެ.