ފައިސަލް ނަސީމް

ސަރަހައްދީ ގުޅުންތައް ވަރުގަދަ ކުރަން ޖެހޭ: ނައިބު

Dec 5, 2021
1

އިންޑިއާ ކަނޑުގެ ސަރަހައްދު ރައްކާތެރި ކުރުމަށް ސަރަހައްދީ ގުޅުންތައް ވަރުގަދަ ކުރުމަކީ މުހިންމު ކަމެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީ އަބޫދާބީގައި އިއްޔެ ފެށި އިންޑިއަން އޯޝަން ކޮންފަރެންސް (އައިއޯސީ) ގެ ފަސް ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ އިންޑިއާ ކަނޑުގެ ސަރަހައްދަކީ ރާއްޖޭގެ އިގްތިސޯދީ ދުޅަހެޔޮކަމާ ސީދާ ގޮތުން ގުޅިފައިވާ މުހިންމު ވިޔަފާރީގެ ހަބެއް ކަމަށެވެ. މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި މިއީ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ އެޖެންޑާގައި ހިމެނޭ އެންމެ މުހިންމު އެއް ބައި ކަމަށް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވެފައި ވަނީ ބޯޑަރު ހުރަސްކޮށް ހިންގާ ނުރައްކާތެރި ހާދިސާތައް ހުއްޓުވޭނީ ސަރަހައްދީ އަދި ބައިނަލްއަގްވާމީ ބައިވެރިންގެ އެއްބާރުލުމާއެކީ ކަމަށެވެ. އެގޮތުން ޓެރަރިޒަމާއި، ކަނޑުފޭރުން، މަސްތުވާތަކެތީގެ ވިޔަފާރީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތައް ފާހަގަކުރެއްވި އެވެ.