ޑރ. މުހައްމަދު މުއިއްޒު

ކޮޕް ސަމިޓަށް ރައީސް ދުބާއީއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް -- ކޮޕް28 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޔުނައިޓެޑް އެރެބް އެމިރޭޓްސް -- ޔޫއޭއީގެ ދުބާއީއަށް ވަޑައިގެންފި އެވެ.

އެމަނިކުފާނުގެ އަރިހުގައި، ކޮޕް28 ގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖޭގެ މަތީ ފަންތީގެ ވަފްދުވެސް ވަޑައިގެންނެވި އެވެ.

ކޮޕް28 ބައްދަލުވުމަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ރާވާފައިވާ ކަންކަމާ ގުޅޭ މަޢުލޫމާތު ބައިނަލްއަގުވާމީ މައިދާނުގައި ހިއްސާކުރުމަށް ލިބޭ އަގުހުރި ފުރުސަތަކަށެވެ. ކޮޕް28 ބައްދަލުވުމުގައި ރައީސް މުއިއްޒު ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

ކޮޕް28 ބައްދަލުވުމަކީ ޕެރިސް އެއްބަސްވުމާ ގުޅިގެން ދުނިޔެއަށް ލިބިފައިވާ ކުރިއެރުންތައް ދެނެދެގަތުމުގެ ކަންކަން ކުރަމުންދާ މިދަނޑިވަޅުގައި މުހިންމު ދައުރެއް އަދާކުރާނެ ހާއްސަ ބައްދަލުވުމެކެވެ. ދުނިޔޭގައި ނެގޭ ފުރަތަމަ 'ގްލޯބަލް ސްޓޮކްޓޭކް' (ޖީ.އެސް.ޓީ) އިން ޕެރިސް އެއްބަސްވުން ތަސްދީގުކުރި ފަހުން ލިބުނު ކުރިއެރުންތަކުގެ މިންވަރު ވަޒަންކުރެވިގެންދާނެ އެވެ. އަދި، މިކަމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް މަގުފަހިވެގެންދާނެ އެވެ.

ކޮޕް28 ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ޔޫއޭއީއަށް ރައީސް މުއިއްޒު ރޭ ވަޑައިގަތީ ތުރުކީ ވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ ދަޢުވަތަކަށް އެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހުއެވެ.