ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު، އައިޑީބީގެ ރައީސާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ)ގެ ރައީސް ޑރ. މުހައްމަދު އަލް ޖާސިރުއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ މިހާރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ކުރިއަށްދާ ކޮޕް 28 ސަމިޓްގެ ހަވާސާ ގައެވެ.

މި ބައްދަލުކުރެއްވުމުގައި އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއެރުވުމާއި، ޒަކާތު ހައުސް ބިނާކުރުމާއި، ވަގުފް ޕްރޮގްރާމެއް ހިންގުމާއި، މައިކްރޯފައިނޭންސް ބޭންކެއް ގާއިމުކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.

ރައީސް ޑރ. މުއިއްޒު ވަނީ، އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ މިންވަރާ ގުޅޭގޮތުން ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑީގެ ތަފްސީލު އަލް ޖާސިރުއާ ހިއްސާކުރައްވާފަ އެވެ.

މީގެ އިތުރުން މޫސުމީ ބަދަލުތަކަށް ހޭނުމަށްޓަކައި ހިންގާ މަޝްރޫއުތަކާއި، ވިލުންތެރިކަން އިތުރުކުރުމަށް ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ މުހިއްމުކަން ރައީސް ވަނީ ފާހަަގަކުރައްވާފަ އެވެ.

ރައީސް މުއިއްޒާއި އައިޑީބީގެ ރައީސްގެ މި ބައްދަލު ކުރެއްވުމުގައި ރާއްޖެއާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ގުޅޭ ގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.