ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ޔޫއޭއީއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީ އަށް ވަޑައިގެންފި އެވެ.

ރައީސް މުއިއްޒު ދުބާއީއަށް ވަޑައިގަތީ މިމަހުގެ 12 އިން 14 އަށް ބާއްވާ ވޯލްޑް ގަވަރުމަންޓްސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށެވެ.

މި ދަތުރުފުޅަކީ ޔޫއޭއީގެ ވައިސް ޕްރެޒިޑެންޓް، ބޮޑުވަޒީރު، ޔޫއޭއީގެ މިނިސްޓާ އޮފް ޑިފެންސް އަދި ދުބާއީގެ ވެރިޔާ ޝައިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއަހަރުގެ ވޯލްޑް ގަވަރުމަންޓްސް ސަމިޓްގެ ތީމަކީ "ޝޭޕިން ފިއުޗާ ގަވަރުމަންޓްސް" އެވެ.

މި ސަމިޓުގައި ސަރުކާރުތަކުންނާއި ބައިނަލްއަގްވާމީ އެކިއެކި ޖަމިއްޔާ ޖަމާއަތްތަކާއި ޕްރައިވެޓް ސެކްޓަރު އަދި އެކި ދާއިރާތަކަށް ހާއްސަ ލީޑަރުން ބައިވެރިވެ މުސްތަގުބަލަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ކުރިއަށް އޮތް ޖީލުތަކުގައި އަންނަ ސަރުކާރުތައް ބާރުވެރިކުރުމަށް ކުރަންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރާނެ އެވެ.

މި ސަމިޓްގައި ރައީސް މުއިއްޒު ތަގުރީރު ކުރައްވާނެ އެވެ. އަދި ސަމިޓަށް ވަޑައިގަންނަވާ ބައެއް ބޭފުޅުންނާ އެކު ރަސްމީ ބައްދަލުކުރެއްވުންތަކެއްވެސް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން ފެބްރުއަރީ 13 ވަނަ ދުވަހު ދުބާއީގައި ބާއްވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމުގައިވެސް ރައީސް މުއިއްޒު ބައިވެރިވެވަޑައިގެން ރާއްޖޭގައި އިންވެސްޓް ކުރަން ހުރި ފުރުސަތުތައް އޮޅުންފިލުއްވައިދެއްވާނެ އެވެ.