ޑރ. މުހައްމަދު މުއިއްޒު

ހުރިހާ އެމްބަސީއެއްގައި ދިވެހި އިސްލާމް ކިޔަވާ ދޭން ފަށަނީ

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން، ދިވެހި ބަހާއި އިސްލާމްދީނަށް ލޯބިޖެހޭނެ ގޮތަށް މަސައްކަތްތައް ރާވައި ހިންގުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި ދިރިއުޅޭ ދިވެހިންނާ މިރޭ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުގެ އެންމެ މުހިއްމު ސިޔާސަތަކަށް އޮތީ ގައުމިއްޔަތު ދިރުވައި އާލާކުރުމެވެ. އެގޮތުން މި ސަރުކާރުން އަލަށް އުފެއްދި މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖްގެ މަސައްކަތްތަކުގެ ތެރެއިން ދިވެހި އެމްބަސީތަކާއި ކޮންސިއުލޭޓްތަކާ ގުޅިގެން، ރާއްޖެއިން ބޭރުގައި ތިބޭ ދިވެހިންނަށް ދިވެހި ބަހާއި އިސްލާމްދީނަށް ލޯބިޖެހޭނެ ގޮތަށް މަސައްކަތްތައް ރާވައި ހިންގުމަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިސްލާމްދީނުގައި ހުރި ކަންކަން ދަސްކޮށްދީ، ދީނުގައި އޮންނަ ރީތި ހަމަތަކުގެ މަތީގައި ކުދިން ބޮޑުކޮށް، ހަރުދަނާ އަގީދާއެއް ގާއިމުކޮށްދިނުމާއެކު، އާންމުކޮށް މި އޮންނަ ކޮންސިއުލަ މަސައްކަތްތަކުގެ އިތުރަށް ދިވެހި ބަހާއި އެކީގައި ދީނީ ކަންކަން އިސްލާމްދީނުގެ މާއްދާއާއި ގުޅޭގޮތުން ކިޔަވާދިނުމުގެ ކަންތައްތަކެއް އެމްބަސީތަކުގައިވެސް ރާވައިގެން ކުރިއަށް ގެންދާނެ ކަމުގައި ވިދާޅުވި އެވެ.

"ޖުމްލަ ގޮތެއްގައި ގައުމިއްޔަތު ދިރުވައި އާލާކުރުމަށް މިފެށި މަސައްކަތަކީ ރާއްޖޭގެ އިމުން ބޭރަށް ދިވެހިން ތިބި ކޮންމެ ތަނަކަށް އެކަން ފުޅާކޮށް ރައްޔިތުންނާ ހަމައަށް ގެންގޮސްދިނުމަށްޓަކައި ކުރަން ވިސްނަވާފައި އޮތް ކަމެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް ދިވެހި ވަންތަކަން ވާސިލްކޮށްދިނުމުގައި ދިވެހި ރައްޔިތުން ފަހުރުވެރިވާ ފަދަ ގޮތަކަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

މި ސަރުކާރުގެ ސިޔާސަތަކަށް ވާނީ ދިވެހިންނަށް އިސްކަންދީ، ދިވެހިންގެ މަސްލަހަތު އިސްކުރުންކަމުގައި ރައީސް މުއިއްޒު ގެންދަވަނީ ވިދާޅުވަމުންނެވެ. މިބައްދަލުކުރެއްވުމުގައިވެސް އެވާހަކަފުޅު ތަކުރާރު ކުރައްވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތްކުރާނީ ރައްޔިތުންނާ އެކީގައި، ރައްޔިތުންގެ އަޑުއަހައިގެން ކަމަށެވެ. އަދި ކަންކަން ބައްޓަންކޮށް، ނިންމުންތައް ނިންމާނީ ރައްޔިތުންގެ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ފަދަ ގޮތަކަށް ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮންމެ ގައުމެއްގައި ދިވެއްސަކު ހުރި ނަމަވެސް ދިވެހި ސަރުކާރުގެ ފަރާތުން މިހާރަށްވުރެ ރަނގަޅަށް ކަންކަން ކޮށްދިނުމުގެ ސިޔާސަތު މި ސަރުކާރުން ގެންގުޅުއްވާ ކަމަށެވެ. އަދި ހާރިޖީ މިޝަންތަކުގެ މަސައްކަތްތައް ބައްޓަން ކުރާނީ އެ ގައުމެއްގައި ތިބި ދިވެހިންގެ ކަންކަމަށް ސަމާލުކަން ދީގެން ކަމަށާއި ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރާނެ ގޮތަށް ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގައުމަކަށް އާ ސަފީރެއް ހަމަޖައްސާއިރު ކުރިއަށްވުރެ ރަނގަޅަށް ކަންކަން ކޮށްދޭނެ މީހެއް ހަމަޖައްސާނަން،" ރައީސް ވިދާޅުވި އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދުބާއީގައި ދިރިއުޅޭ ދިވެހިންނަށް ދަތިވާ ކަންކަމާއި ބޭނުންވާ ކަންކަން ހިއްސާކުރުމަށް ފުރުސަތު ދެއްވަވާ އެކަންކަން އޮޅުންފިލުއްވާފަ އެެވެ. މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޔޫ.އޭ.އީ އަށް ވަޑައިގަތީ މާދަމާ ފެށުމަށް ހަމަޖެހިފައިވާ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ދުބާއީގައި ދިވެހިންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރަށް އެހީތެރިކަން ހޯދުމަށް ކޮޕް 28 ބައްދަލުވުމަށްފަހު ވަކާލާތު ކުރައްވާނެ ކަމަށެވެ.