މީރާ

މީރާގެ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން އާންމުކޮށްފި

Feb 14, 2023

މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީގެ ދަށުން 2023-2024ގެ 'ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން' އާންމުކޮށްފި އެވެ.

ކުރިއަށް އޮތް ދެ އަހަރަށް މީރާއިން ތައްޔާރުކޮށްފައިވާ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން އެކުލަވާލައިފައިވަނީ ފާއިތުވި އަހަރުތަކާ ޚިލާފަށް ވަކިވަކި ސިނާއަތްތަކުން ޓެކްސް ދެއްކުމުގައި ހުރި ރިސްކުތަކުގެ އިތުރުން އެ ރިސްކުތަކާ މުނާސަބު ފިޔަވަޅު އެޅުމަށް ހިންގޭނެ ހަރަކާތްތައް ހިމަނައިގެންނެވެ.

އާންމު އުސޫލުން ޓެކްސް ދައްކާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން މީރާއިން ކުރިއަށްގެންދަން ރާވައިފައިވާ ކަންކަމުގެ އިތުރުން ކުރިއަށް އޮތް ދެ އަހަރަށް ބަހާލައިގެން ކުރިއަށް ގެންދަން ރާވައިފައިވާ ހާއްސަ ހަރަކާތްތައްވެސް މި ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންގައި ހިމަނައިފައިވާ ކަމަށް މީރާއިން މައުލޫމާތުދެ އެވެ.

އާންމު ކޮމްޕްލަޔަންސް ހަރަކާތްތަކުގެ ތެރޭގައި ޖީއެސްޓީ ރޭޓުތަކަށް އައި ބަދަލުތައް ހިމެނޭހެން ގާނޫނާއި ގަވާއިދުތަކަށް ގެނެވޭ އިސްލާހުތަކަށް ޓެކްސް ދައްކާ ފަރާތްތަކާއި އާންމުން އަހުލުވެރިކުރުވުމާއި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޓެކްސް ދައްކާ ފަރާތްތަކަށް ޒިޔާރަތްކޮށް، ޓެކުހާ ގުޅޭ އިލްތިޒާމްތައް ފުރިހަމަކުރުމަށް މަގުފަހިކޮށްދިނުމާއި، ވަކި ފަރާތްތަކަކަށް ހާއްސަކޮށްގެން ޓެކުހާ ގުޅޭ ތަމްރީނުތައް ހިންގައި، ޓެކްސް ބަޔާން ހުށަހެޅުން އިތުރަށް ފަސޭހަކޮށްދިނުން ހިމެނެ އެވެ. އަދި ޓެކްސް ނުދައްކާ ފަރާތްތަކާއި ޓެކުހަށް މަކަރު ހަދާ ފަރާތްތައް ދެނެގަނެ، އެފަދަ ފަރާތްތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުން ހިމެނެ އެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި، 2023-2024ގެ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންގެ ހާއްސަ ކޮމްޕްލަޔަންސް ހަރަކާތްތައް އަމާޒުކޮށްފައިވާނީ، ރަޖިސްޓަރީކުރުމާއި، ބަޔާން ހުށަހެޅުމާއި، ފައިސާ ދެއްކުން އަދި ސައްހަ މައުލޫމާތު ހުށަހެޅުމާ ގުޅޭ ގޮތުން ފާހަގަކުރެވޭ ރިސްކުތަކަށް މުނާސަބު ފިޔަވަޅު އެޅުމަށެވެ. މި ގޮތުން ޓެކުހުގެ ގާނޫނުތަކަށް ތަބާވުމުގައި ޓެކުހުގެ ވަކި ބާވަތްތަކާއި، ޓެކްސް ދައްކާ ފަރާތްތަކުގެ ކުޑަބޮޑުމިން އަދި އެކި ސަރަހައްދުތަކުން ފާހަގަކުރެވޭ މައްސަލަތަކަށް ހާއްސަ އަހަންމިއްޔަތު ކަމެއް ދެވިގެންދާނެ އެވެ.

މި ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ވެސް، ސަރުކާރުގެ މުއައްސަސާތަކާއި، ތަންފީޒީ އިދާރާތައް އަދި ކަމާބެހޭ އެހެނިހެން މަސްލަހަތުވެރިންގެ ފަރާތުން ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ނޮން-ކޮމްޕްލަޔަންސް ދެނެގަނެ، އެކަން ހުއްޓުވުމުގެ މަސައްކަތްތައް ދާއިމީ ގޮތެއްގައި ކުރިއަށް ގެންދާނެ ކަމަށް މީރާއިން މައުލޫމާތުދެ އެވެ.

ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭނަކީ މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި އެކުލަވާލާ ޕްލޭން އެކެވެ.

މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީ އަކީ ޓެކުހާ ގުޅޭ އިލްތިޒާމްތައް އަދާކުރުން ލުއިފަސޭހަކޮށްދީގެން ޓެކްސް ދައްކާ ފަރާތްތަކުން އަމިއްލަ އިހުތިޔާރުގައި ޓެކުހުގެ ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާވުން ނުވަތަ 'ވޮލަންޓްރީ ކޮމްޕްލަޔަންސް' އިތުރުކުރުމާއި، ތަންފީޒީ ފިޔަވަޅުތައް މެދުވެރިކޮށް ޓެކުހުގެ ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާނުވުން ނުވަތަ 'ނޮން-ކޮމްޕްލަޔަންސް' މަދުކުރުވުމުގެ މަގުސަދުގައި އެކުލަވާލައިފައިވާ ޕޮލިސީ އެކެވެ. މި ގޮތުން 2020 ވަނަ އަހަރުން ފެށިގެން މީރާއިން ދަނީ ކޮންމެ އަހަރަކަށް ވެސް ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭނެއް ތައާރަފްކޮށް، މި ޕްލޭންގެ ދަށުން ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.