ޖޭއެސްސީ

ތަމްރީންތަކަށް ފަނޑިޔާރުން ވީއްލުމުގެ އުސޫލެއް ހެދުމަށް ނިންމައިފި

ދިގު މުއްދަތުގެ ތަމްރީނުތަކަށް ފަނޑިޔާރުން ވީއްލުމުގައި އަމަލުކުރާނެ އުސޫލެއް ހަދާފައި ނެތުމުން އެކަމަށް އުސޫލެއް ހެދުމުގެ މަސައްކަތް ފެށުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަނޑިޔާރުންގެ ގާބިލުކަން އިތުރު ކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭތީ ފަނޑިޔާރުން އަމިއްލައަށް ހޯދާ ފުރުސަތުތަކުގައި ތަމްރީން ޕްރޮގްރާމްތަކާއި ކޯސްތަކަށް ފަނޑިޔާރުން ވީއްލުމުގެ އުސޫލެއް ތައްޔާރުކުރުމުގެ މަސައްކަތް ފެށުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ތަމްރީން ޕްރޮގްރާމްތަކާއި ކޯސްތަކަށް ފަނޑިޔާރުން ވީއްލާއިރު މުސާރައާއި އިނާޔަތްތައް ހަމަޖެހިގެންދާނެ ގޮތްވެސް އުސޫލުގެ ތެރޭގައި ހިމެނޭނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ދިގު މުއްދަތުގެ ތަމްރީންތަކަށް ފަނޑިޔާރުން ވީއްލުމުގެ އުސޫލެއް ހެދުމަށް ނިންމީ ފަނޑިޔާރުން އައްޔަންވުމަށްފަހު ދިގު މުއްދަތުގެ ތަމްރީން ފުރުސަތުތަކުގައި ބައިވެރިވުމަށް ފަނޑިޔާރުންނަށް ހުރަސްތަކެއް ހުރުމުން ކަމަށް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ބުނީ އުސޫލެއް ހެދުމަށް ނިންމީ ފަނޑިޔާރުންނަށް ކުރިމަތިވާ ހުރަސްތަކަށް ރިއާޔަތްކޮށް، ފަނޑިޔާރުންނަށް އިތުރަށް ތައުލީމު އުނގެނުމަށް ހިތްވަރު ދިނުމުގެ ގޮތުންނާއި މިދާއިރާގެ ހުނަރާއި ގާބިލްކަން އިތުރު ކުރުމަށް ހިތްވަރުދީ ބާރުއެޅުމުގެ ގޮތުންނެވެ.

ފަނޑިޔާރުން ވީއްލުމުގެ އުސޫލު އެކުލަވާލަން ނިންމާފައިވަނީ ތަމްރީންތަކާއި ކޯސްތަކުގައި ބައިވެރިވުމަށްޓަކައި ފަނޑިޔާރުން، ފަނޑިޔާރު ކަމުން ދުރުވާން ނުޖެހޭނެ ގޮތަކަށް ވީއްލުމުގެ ކަންކަން އިންތިޒާމު ކުރުމަށް ކަމަށްވެސް ޖޭއެސްސީން ބުނެ އެވެ.