ފިނިޕޭޖް

މޯގަން ފްރީމަންގެ "ދަ ރިޗުއަލް ކިލާ"ގެ ޓްރޭލާ ދައްކާލައިފި

އެކްޓާ މޯގަން ފްރީމަން އާއި ކޯލް ހައުސާގެ ސަސްޕެންސް ހޮރޯ ފިލްމް "ދަ ރިޗުއަލް ކިލާ"ގެ ޓްރޭލާ ނެރެފި އެވެ.

މި ޓްރޭލާއިން ފެންނަނީ ކޯލް އާއި މޯގަން ކުދިން މަރާ މީހެއް، ހޯދަން ކުރާ މަސައްކަތެވެ.

މި ފިލްމްގެ ޕްލޮޓްއަށް ބަލާއިރު، ކޯލްގެ ކެރެކްޓާ ކަމުގައިވާ ޑިޓެކްޓިވް ލޫކަސް ބޮއިޑަކީ ރިޓަޔާކުރަން ކައިރިވެފައިވާ މީހެކެވެ.

ސީރިއަލް ކިލާއެއް ދެ ކުދިން މަރާލުމުން، އޭނާ ހޯދުމަށް އެންތްރޮޕޮލޮޖިސްޓް ޑރ މެކްލްސް (މޯގަން)ގެ އެހީތެރިކަން ހޯދަ އެވެ.

ޑރ މެކްލްސްއަށް ފާހަގަކުރެވޭ ކަމަކީ އެ ގާތިލް މީހުން މެރުމުގައި ބޭނުންކުރަނީ މުތީ ކިޔާ ކުރީ ޒަމާނުގެ ބްލެކް މެޖިކް ރިޗުއަލްއެއް ކަމެވެ. އަދި ހީވާގޮތުގައި މި މެރުންތަކަކީ ގިނަ ބާރުގެ ބޭނުމުގައި މީހަކު ފައިސާ ދީގެން ކުރުވާ ކަމެކެވެ.

ޖޯޖް ގެލޯ ޑައިރެކްޓް ކުރި މި ފިލްމުގައި މިއުރިއެލް ހިލިއެއާ، ވާނޮން ޑޭވިސް، ބްރާޔަން ކާލޭންޑާ އަދި މަޔޫމީ ރޯލާ ހިމެނެ އެވެ.

އުމުރުން 85 އަހަރުގެ މޯގަން ފްރީމަން އަކީ ފަސް ފަހަރު އެކަޑަމީ އެވޯޑަށް ނޮމިނޭޓްވެ އެއްފަހަރު އެވޯޑްލިބި، އެއް ގޯލްޑަން ގްލޯބާއި އެއް ސްކްރީން އެކްޓާސް ގިލްޑް އެވޯޑް ހާސިލްކޮށްފައިވާ އެކްޓަރެކެވެ.

"ދަ ރިޗުއަލް ކިލާ" ސިނަމާ ތަކަށާއި އޮން ޑިމާންޑަށް ރިލީޒްކުރާނީ އަންނަ މަހު 10 ވަަނަ ދުވަހު އެވެ.