ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ ބޭސްފަރުވާ އަށް ދުވަސް ނަގާނެ: ޑޮކްޓަރުން

ތޭރަ އަހަރުގެ ޖަލު ހުކުމް މެދުކަނޑާލެއްވުމަށް ފަހު އިނގިރޭސިވިލާތަށް ވަޑައިގެން އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭސްފަރުވާއަށް ދުވަސް ނަގާނެ ކަމަށް އިނގިރޭސި ޑޮކްޓަރުންނާ ހަވާލާދެއްވާ ނަޝީދުގެ އޮފީހުން ބުނެފި އެވެ.

ނަޝީދުގެ އޮފީހުން މިހެން ބުނެފައިވާ އިރު، ނަޝީދުގެ އަމިއްލަ ފުޅުގެ އެދުމުގެ މަތިން ދިވެހި ސަރުކާރުން ވަނީ އެމަނިކުފާނުގެ ބޭސްފަރުވާއަށް 30 ދުވަހުގެ މުއްދަތެއްދީފަ އެވެ. އެ ދުވަހަށް ބޭސްފަރުވާ ނުނިމިއްޖެ ނަމަ 45 ދުވަހަށް މުއްދަތު އިތުރުކޮށްދޭން ވެސް ސަރުކާރުން ވަނީ ނިންމާފައިވެ އެވެ.

ނަޝީދު އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނަޝީދުގެ މައިބަދައިގެ އޮޕަރޭޝަން ކުރެއްވުމާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ސްޕެޝަލިސްޓް ޑޮކްޓަރެއްގެ ލަފާ މިއަދު ހޯދެއްވި ކަމަށާއި އަދި ފަރުވާއަށް ދުވަސް ނަގައިނެ ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ.

ނަޝީދު ލަފާ ހޯދި ޑޮކްޓަރު މިހެން ބުނެފައިވާ އިރު، ޖަލުން ނިކުމެވަޑައިގެން ފުރަތަމަ ފަހަރަށް ލަންޑަންގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނު ރާއްޖެ އަންނާނެ ކަމާމެދު ގިނަ މީހުން ސުވާލު އުފައްދާ ކަމަށާއި އެމަނިކުފާނު މިވަގުތައް ބޭނުން ވަނީ އާއިލާ އާއެކު ވަގުތު ހޭދަ ކުރައްވައި ބޭސްފަރުވާއަށް ފުރުސަތު ދެއްވުމަށް ކަމަށެވެ. ނަމަވެސް ރާއްޖެއަށް ކޮންމެވެސް ދުވަހަކުން އެނބުރި ދާނެ ކަމަށާއި އެހެން ނަމަވެސް ރާއްޖެ ދާނެ ދުވަހެއް އަދި ނުނިންމަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިނގިރޭސިވިލާތައް ވަޑައިގެން އުޅުއްވާ ދަތުރުގައި އެ ގައުމުގެ ބޮޑު ވަޒީރު ޑޭވިޑް ކެމޮރަން އާ ވަނީ ބައްދަލު ކުރައްވައިފަ އެވެ. ނަޝީދުގެ އޮފީހުން ބުނީ ނަޝީދު ބޭސްފަރުވާ ކުރެއްވުމަށް އިނގިރޭސި ބޮޑު ވަޒީރު ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.