ފިނިޕޭޖް

"ޓްރޫ ލައިޒް" ފިލްމަށް ސީރީޒެއް

1994 ގައި އާނޯލްޑް ޝްވަޒެނޭގާ އާއި ޖޭމީ ލީ ކާޓިސް ކުޅުނު ސްޕައި އެކްޝަން ކޮމެޑީ "ޓްރޫ ލައިޒް" އަކީ ކާމިޔާބު އަދި ތައުރީފް ލިބުނު ފިލްމެކެވެ.

ކްލޯޑް ޒިޑީ ނެރުނު ފްރެންޗް ފިލްމަކަށް ބިނާކޮށްފައިވާ "ޓްރޫ ލައިޒް" އަކީ ޖޭމްސް ކެމެރަން ލިޔެ، ޑައިރެކްޓްކުރި ފިލްމެކެވެ.

ސަތޭކަ ވިހި މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި މި ފިލްމަކީ ބޮކްސް އޮފީހުގައި 378 މިލިއަން ޑޮލަރު ހޯދި ފިލްމެކެވެ. އަދި މި ފިލްމްގެ ވިޝުއަލް އިފެކްޓްސްއަށް އެކަޑަމީ އެވޯޑާއި ބަފްޓާ އެވޯޑް ނޮމިނޭޝަން ލިބުނުއިރު، ޖޭމީއަށް ވަނީ ބެސްޓް އެކްޓްރެސް – މޯޝަން ޕިކްޗާ މިއުޒިކަލް އޯ ކޮމެޑީ ކެޓަގަރީ އިން އެވޯޑް ލިބިފަ އެވެ.

29 އަހަރަށްފަހު މެޓް ނިކްސް މި ފިލްމަށް ހަމަ އެ ނަމުގައި ސީރީޒެއް އުފައްދައި އަންނަ މަހުގެ އެއްވަނަ ދުވަހު ސީބީއެސް އަދި ޕެރެމައުންޓް ޕްލަސްގައި ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.

"ޓްރޫ ލައިޒް"ގައި އާނޯލްޑް ކުޅުނު ހެރީ ޓާސްކާގެ ރޯލް ސްޓީވް ހޮވީ އަދާކުރާއިރު، ޖޭމީގެ ކެރެކްޓާ ހެލެން ޓާސްކާގެ ރޯލު އަދާކުރާނީ ޖިންޖާ ގޮންޒާގާ އެވެ. މީގެ އިތުރުން އޭރިކަ ހާނަންޑޭޒް، އޮމާރް މިލާ، މައިލް އޯ' ގޯމަން، އެނެބެއްލާ ޑިޑިއަން އާއި ލޫކަސް ޖޭ މި ސީރީޒްގެ މެއިން ކާސްޓްގައި ހިމެނެ އެވެ.

މި ސީރީޒްގެ މައިގަނޑު ޕްލޮޓަށް ބަލާއިރު، ހެލަން އަކީ ކައިވެންޏާއި ދިރިއުޅުމާމެދު ހިތްހަމަނުޖެހިފައިވާ އަތްބެކެވެ. ހެލަންގެ ދިރިއުޅުން ގުޑުވާލާ ހަގީގަތަކީ، އޭނާގެ ފޫހި ކޮމްޕިއުޓާ ކޮންސަލްޓަންޓް ފިރިމީހާ ހެރީ އަކީ އަސްލު ހުނަރުވެރި އިންޓަނޭޝަނަލް ސްޕައި އަކަށްވުމެވެ.

މި ސީރީޒްގެ އެކި އެޕިސޯޑް އެކި މީހުން ޑައިރެކްޓް ކުރާގޮތަށް ހަމަޖެހިފައިވާއިރު، އެގްޒަކަޓިވް ޕްރޮޑިއުސަރުންގެ ތެރޭގައި މެޓް ނިކްސް އާއި ޖޭމްސް ކެމެރަން ހިމެނެ އެވެ. މި ސީރީޒްގައި ހިމެނެނީ ކިތައް އެޕިސޯޑް ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.