ފެނަކަ ކޯޕްރޭޝަން

މޮބައިލް އިންޖީނުގެ ތައާރަފު ކުރުމުގެ ބިޔަ މަޝްރޫއެއް ފަށަން ފެނަކައިން ނިންމައިފި

Jan 29, 2016
1

ރަށްރަށުން ކަރަންޓް ކެނޑުމުން ވަގުތީ ހައްލު ހޯދައި ދިނުމުގެ ކޮންޓެންޖެންސީ ޕްލޭނެއްގެ ދަށުން މޮބައިލް ޕަވާހައުސް ބޭނުން ކުރާނެ ބޮޑު ޕްރޮޖެކްޓެއް ފަށަން ފެނަކަ ކޯޕަރަޝަނުން ނިންމައިފި އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް މިއަދު ވިދާޅުވީ ކޮންޓެންޖެންސީ ޕްލޭނެއްގެ ދަށުން މޮބައިލް ޕަވާ ހައުސްތަކެއް ހޯދައި އެފަދަ ހާލަތްތަކުގައި ބޭނުން ކުރަން ފަށަން ފެނަކައިން ނިންމީ ގދ. ތިނަދޫގެ އިންޖިނުގެ އަނދައިގެން ދިއުމުން ވަގުތީ ކަރަންޓް ހޯދައިދޭން މިހާރު ކުރާ މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެންގެން ކަމަށެވެ.

"މޮބައިލް ޕަވާ ހައުސް ހޯދައި ތައްޔާރީ ހާލަތުގައި ބެހެއްޓުމަކީ ވަރަށް ބިޔަ ބޮޑު ޕްރޮޖެކްޓެއް، އަގުގެ ގޮތުން ބެލިޔަސް އަދި ތައްޔާރީ ހާލަތުގައި އޮޕަރޭޝަން ބާއްވަން ބެލިޔަސް މިއީ އާދައިގެ ކަމެއް ނޫން. އެކަމަކު މިއީ ކޮންޓެންޖެންސީ ޕްލޭނެއްގެ ގޮތުގައި ކޮންމެހެން މިހާރު ކުރަންޖެހޭ ކަމެއް، ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅެއް ނުވޭ 'ސައުވީސް ގަޑިރު ކަރަންޓް ޔަގީން' ޕްރޮޖެކްޓްގެ ހިތްހަމަ ޖެހުން އެއްވެސް ރަށެއްގައި ވަގުތުކޮޅަކަށް ވެސް ނެތިދާކަށް، އަދި ފެނަކަވެސް ބޭނުންމެއް ނުވޭ ކަރަންޓަށް ދިމާވާ މިފަދަ ހާލަތެއްގައި މފަހަރު މިކުރާ ތަޖުރިބާ ކުރާކަށް،" ނިމާލް ވިދާޅުވި އެވެ.

ނިމާލް ވިދާޅުވީ މިއަހަރު ފަށާ މި ޕްރޮޖެކްޓްގައި ދެ ރޭންޖެއްގެ މޮބައިލް އިންޖީނުގެތައް ހޯދާނެ ކަމަށާއި ފުރަތަމަ ރޭންޖަކީ ތިނަދޫ ކަހަލަ ބޮޑެތި ރަށްރަރަށަށް ހިދުމަތް ދެވޭވަރުގެ މޮބައިލް އިންޖީނުގެތައް ކަމަށެވެ. އަދި ދެވަނަ ރޭންޖަކީ ހެޔޮވަރު އަދި ކުދި އާބާދީތަަކަށް ކަރަންޓް ދެވޭނެ އިންޖީނުގެތައް ކަމަށެވެ. އޭނާ އަދި ވިދާޅުވީ މި ޕްރޮޖެކްޓްގައި ފުރަތަމަ ގެންނާނީ ހަ މޮބައިލް އިންޖީނުގެ ކަމަށެވެ.

"މޮބައިލް އިންޖީނުގެއޭ ދެންނެވިއަސް މިއީ ކޮމްޕްލީޓް [ފުރިހަމަ] އިންޖީނުގެއެއް. އޮފީސް ބަޔާ ކޮންޓްރޯލް ރޫމާއި ސްޓޯރާއި ފިއުލިންނާއި ހުރިހާ ކަމެއް އެކުލެވޭ ގޮތަށް ހުންނަ ހަމަ ފުރިހަމަ އިންޖީނުގެއެއް، ތިނަދޫގައި ދިމާވި ފަދަ ހާސިދާއެއް އައުމުން ކޭޓަ ކުރެވޭވަރުގެ އިންޖީނުގެ ގެއެއް މޮބިލައިޒް ކޮށްލުމުން ލަހެއް ނުވެ ކަރަންޓަށް ވަގުތީ ހައްލު ލިބިގެންދާނެ،" ނިމާލް ވިދާޅުވި އެވެ.

ފެނަކައިން މި އަހަރު ފަށަން ނިންމައި މިއަދު އިއުލާން ކުރި މި ޕްރޮޖްކެޓްެ އަގެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ. އަދިއެ މަޝްރޫއު ގެންދާނެ ގޮތުގެ ތަފުސީލެއް ވެސް ނުދެ އެވެ.

ރާއްޖޭގެ ރަށަކަށް މިހާރު ކަރަންޓްގެ މައްސަަލަ ދިމާވުމުން ވަގުތީ ކަރަންޓްދޭން ޖެނަރޭޓަރު ހޯދަން ގިނަ މަސައްކަތްތަކެއް ކުރަންޖެހެ އެވެ.