އިސްލާމިކް މިނިސްޓްރީ

ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ކުންފުނިތަކަށް ފުރުސަތު ހުޅުވާލައިފި

Feb 28, 2023

ދިވެހިރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޕްރޮޕޯސަލް ހުށަހެޅޭނީ ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށް އެކަނި ކަމަށެވެ. މިއުސޫލު ގެޒެޓް ކުރީ މެއި 18، 2022 ގައެވެ.

ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖައްސާފައިވަނީ ކުރިއަށް އޮތް މާޗް މަހުގެ 23 ވަނަ ދުވަހު ހެނދުނު 10:00 ޖަހާއިރު އެވެ.

ޕްރޮޕޯސަލް ހުށަހެޅޭނީ ފީ އަކާ އެކު އެވެ. އެގޮތުން ކުރިއަށް އޮތް މާޗް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 12:00 އަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން ފީ ބަލައިގަންނާނެ އެވެ.

ކޮންމެ ޕްރޮޕޯސަލަކާ އެކު ވެސް 10،000 ރުފިޔާ ހުށަހަޅަންޖެހެ އެވެ.


ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ ކުރިއަށް އޮތް މާޗް މަހުގެ ހެނދުނު 10:00ގެ ނިޔަލަށެވެ.

އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނީ ފީ ހުށަހަޅާފައި ނުވާ ކުންފުނިތަކުގެ ޕްރޮޕޯސަލް އާއި ގަޑިޖެހިގެން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަންނާނެ ކަމަށެވެ.

ރަސްމީ ހައްޖު ކޯޓާގެ ގޮތުގައި މިއަހަރު ރާއްޖެއަށް 1،000 ކޯޓާ ލިބިފައިވާ ކަމަށާއި އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިމަހުގެ 22 ވަނަ ދުވަހު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފަ އެވެ.