މިއަހަރު ހައްޖުގެ އަޅުކަމުގެ ތެރޭގައި ދިވެހި ހައްޖުވެރިންނަށް ހިދުމަތްތައް ދިނުމާ ގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަނީލް އެވެ.
ފުރަތަމަ ސޮއިކުރީ ހައްޖުގެ އަޅުކަމުގެ ތެރޭގައި ދިވެހި ހައްޖުވެރިން މަދީނާއަށް ކުރާ ޒިޔާރަތުގައި ހައްޖުވެރިންނަށް ހިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުމުގައި އަލްއަދިއްލާ ކޮމްޕެނީއާއެކުގަ އެވެ.
މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ އަލްއަދިއްލާ ކުންފުނީގެ އިދާރާގައި މިމަހުގެ 25 ވަނަ ދުވަހު އެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި މައްކާ، މިނާ އަދި އަރަފާތުގައި ހައްޖުވެރިންނަށް ހިދުމަތްތައް ދިނުމާ ގުޅޭގޮތުން ޟުޔޫފުލްބައިތު ކޮމްޕެނީއާ އެކު ވެސް އެއްބަސްވުމެއް ހަދާފައިވެ އެވެ.
މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ ޟުޔޫފުލްބައިތު ކުންފުނީގެ އިދާރާގައި މިމަހުގެ 26 ވަނަ ދުވަހު އެވެ. ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދިވެހި ހައްޖުވެރިންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
ސައުދީ ސަރުކާރުން ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށްޓަކައި ދުކުރާ ރަސްމީ ކޯޓާގެ ގޮތުގައި 1000 ކޯޓާ މިއަހަރު ވަނީ ރާއްޖެއަށް ލިބިފަ އެވެ. އަދި އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.
ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހެޅުމަށްވެސް އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ހުޅުވާލާފަ އެވެ.