ރައްޔިތުންގެ މަޖިލިސް

17 ބިލެއް ވަނީ ކޮމެޓީތަކުގައި މަޑުޖެހިފަ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި 17 ބިލެއްގެ މަސައްކަތް މަޑުޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝިދު ވިދާޅުވީ މަޑުޖެހިފައި އޮތް ނަމަވެސް ކޮމިޓީތަކުގައި ބިލުތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"މީގެ ތެރެއިން ވަރަށް ގިނަ މަސައްކަތަކީ އެކިއެކި ސަބަބުތަކަށްޓަކާ މަޖިލީހުގައި މަޑުޖެހިފައި މަސައްކަތް. އެއީ ސަރުކާރާއެކުގައި ވާހަކަ ދައްކަން ޖެހިގެންނާއި އަދި އެއްގޮތް ކުރުމަށް ބޭނުންވާތީވެ މަޑުޖެހިފައިހުރި މަސައްކަތްތައް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޑުޖެހިފައިވާ ބިލުތައް

  • ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީސްގެ ބިލު
  • ކުންފުނީގެ ބިލު
  • އިފްލާސްވުމާއި އިފްލާސް ކުރުމުގެ ބިލު
  • ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ދެ ބިލު
  • ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު
  • ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޖަނަވާރުގެ ސިއްހަތާ ބެހޭ ބިލު
  • ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު
  • ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އިންޝުއަރެންސާ ބެހޭ ބިލު
  • މާލީ އަދި އެހެނިހެން މަސްލަހަތު ހާމަކުރުމުގެ ބިލު
  • އެެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ބިނާވެށި ޕްލޭން ކުރުމުގެ ބިލު
  • ކަނޑުގައި ދުއްވާ އުޅަނދު ފަހަރާ ބެހޭ ބިލު
  • އެއްގަމުގައި ދުއްވާ އުޅަނދުތަކާ ބެހޭ ބިލު

ކޮމިޓީ ވަގުތު އިތުރުކޮށްގެންވެސް މަސައްކަތްތައް މި ދައުރުގެ ތެރޭގައި ނިންމާލެވޭތޯ ބެއްލެވުމަށް ނަޝީދު އެދިވަޑައިގެންނެވި އެވެ.

"މަސައްކަތްތައް ރޯދައިގެ ކުރިއަށް ރަނގަޅުވަރެއް ކުރެވިފައި ހުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ރޯދަ މަހަށްވެސް ފަސޭހަވެގެންދާނެ ކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.