ޕީއެސްއައިޕީ

ތަރައްގީގެ މަޝްރޫއުތަކަށް އެއް ބިލިއަން

ތަރައްގީގެ މަޝްރޫއުތަކަށް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ދައުލަތުން މިއަހަރު އެއް ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފެބްރުއަރީ 23 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީއަށް ދައުލަތުން ވަނީ 1.14 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.

މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ޕީއެސްއައިޕީއަށް ކުރި ހަރަދަށްވުރެ 145.7 މިލިއަން ރުފިޔާ އިތުރުވުމެކެވެ. ޕީއެސްއައިޕީއަށް މިދިޔަ އަހަރުގެ އެ މުއްދަތުގައި 994.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން މިއަހަރު އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ބިން ހިއްކުމަށެވެ. ބިން ހިއްކުމަށް 190.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ބަނދަރުތައް ހެދުމަށް 154.3 މިލިއަން ރުފިޔާ ހަރަދުކުރިއިރު މަގުތައް ހެދުމަށް 141.1 މިލިއަން ރުފިޔާ ހޭދަކުރި އެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 126.5 މިލިއަން ރުފިޔާ ހޭދަކުރިއިރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށް 63.3 މިލިއަން ރުފިޔާ ހޭދަކުރި އެވެ.

ބްރިޖަށް 54.9 މިލިއަން ރުފިޔާ ހަރަދުކުރިއިރު ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް 94.8 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކަށް މިއަހަރުގެ ބަޖެޓުގައި 8.5 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.