ޕީޕީއެމްގެ މެންބަރެއް ގޮތުގައި ހުންނެވި ކ. ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ރިޒާ އަވަހާރަވުމާއި ގުޅިގެން އެ ދާއިރާގެ ބައި އިލެކްޝަނަށް ހުޅުވާލުމުން ޕީޕީއެމްއާއި ޕީއެންސީގެ އިސްވެރިންގެ ޓީމެއް ގުރައިދޫ ދާއިރާއަށް ވަޑައިގެންފި އެވެ.
ގުރައިދޫ ދާއިރާގެ ރަށްތަކަށް ވަޑައިގަތް ޕީޕީއެމް ކޯލިޝަންގެ ޓީމުގައި ހިމެނި ވަޑައިގަންނަވަނީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އެވެ.
ގުރައިދޫ ދާއިރާގައި ހިމެނޭ ތިން ރަށް ކަމަށްވާ ގުރައިދޫއާއި މާފުށްޓާއި ގުޅިއަށް ޕީޕީއެމް ކޯލިޝަންގެ އިސްވެރިން ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. މި ތިން ރަށަކީވެސް އަބަދުވެސް ޕީޕީއެމްއަށް ތާއިދު ބޮޑު ތިން ރަށެވެ.
އާދަމް ޝަރީފް ވިދާޅުވީ މިދަތުރަކީ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އަވަހާރަވުމާ ގުޅިގެން ލިބިފައިވާ ފުން ހިތާމައިގައި ބައިވެރިވެ ވަޑައިގަތުމަށް ކަމަށެވެ.
ގޮހޮރުގެ އާލާސްކަންފުޅަކަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަނިކޮށް ރިޒާ އަވަހާރަވީ މިދިޔަ މަހުގެ 22 ވަނަ ދުވަހު މެލޭޝިޔާގަ އެވެ.
ރިޒާ އަވަހާރަވުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ހުޅުވާލާފަ އެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާނެކަން މިހާތަނަށް އިއުލާނުކޮށްފައިވަނީ އެމްޑީޕީ އާއި އެމްއެންޕީއިންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އޭޕްރީލް 15 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމާފަ އެވެ.