ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ޓިކެޓު އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާއަށް އަދި އެމްއެންޕީގެ ޓިކެޓު އަލީ އާރިފަށް ދީފި އެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ޕްރައިމަރީއަށް ޕީޕީއެމުން ހުޅުވާލުމުން ކުރިމަތިލެއްވީ ހުސައިން ރިޒާ އެކަންޏެވެ. އަދި އެމްއެންޕީގެ ޕްރައިމަރީއަށް ކުރިމަތިލެއްވީ އަލީ އާރިފް އެކަންޏެވެ.
ހުސައިން ރިޒާ އާއި އަލީ އާރިފަށް ޓިކެޓު ލިބުނީ ޕާޓީގެ ޕްރައިމަރީއަކާ ނުލާ އެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް އެމްޑީޕީންވެސް ވާދަކުރެ އެވެ. އެޕާޓީގެ ޓިކެޓް ހޯދުމަށް ހަތަރު ބޭފުޅަކު ވަނީ ކުރިމަތިލައްވާފަ އެވެ. ގުރައިދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް އެޕާޓީން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ބޭނުންވާ ބޭފުުންނަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ފުރުސަތު ހުޅުވާލާފައިވާއިރު އިންތިހާބު އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ އެ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ.