އެމްއެންޑީއެފް

އާގަލާ ބޯޓުން ގެއްލުނު މީހާ ހޯދުމަށް 128 މޭލުގެ ސަރަހައްދެއް ބަލައިފި

މ. ތުވަރު ކައިރިން ދަތުރުކުރަމުން ދިޔަ "އާގަލާ" ބޯޓުގައި ރޯވި ހާދިސާގައި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތުގައި ވަރަށް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ ގެއްލުނު މީހާ ހޯދުމަށް އިއްޔެ އެކަނިވެސް 128 މޭލުގެ ސަރަހައްދެއް ކަނޑާއި ވައިގެ މަގުން ބަލާފައިވާ ކަމަށެވެ. އަދިވެސް އޭނާ ފެނިފައެއް ނުވެ އެވެ.

"މިއަދުވެސް ސާޗް އޮޕަރޭޝަން ދަނީ ކުރިއަށް ގެންދަމުން،" އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ބޯޓުގައި ތިބީ ޖުމްލަ 15 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ފަސް ދިވެހިންނާއި އިންޑިއާގެ ފަސް މީހުންނާއި ބަންގްލަދޭޝްގެ ފަސް މީހުންނެވެ.

އެމްއެންޑީއެފް ހާބަކްރާފްޓަށް 14 މީހުން ވަނީ ނަގާފަ އެވެ. ގެއްލިގެން ހޯދަމުންދަނީ އިންޑިއާ މީހެކެވެ.

ސަލާމަތް ކުރެވުނު މީހުން ވަނީ ފުލުހުންގެ އެހީތެރިކަމާއެކު މ. މުލި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އަލިފާން ރޯވި އާގަލާ ބޯޓަކީ އައްޑޫ އާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެކެވެ. ބޯޓު ވަނީ އަލިފާން ރޯވުމުގެ ސަބަބުން އަޑިއަށް ގޮސްފަ އެވެ.