ކަނޑުމަތީގެ ހާދިސާ

ޑިންގީއަކުން ކަނޑުވި ދެ މީހަކު ސަލާމަތްކޮށްފި

ޑިންގީއެއް ބަންޑުން ޖަހާލި ހާދިސާގައި ކަނޑުވި ދެ މީހަކު ސަލާމަތްކޮށްފި އެވެ.

ށ. ފޯކައިދޫ އިން ފުރައިގެން ހދ. ކުޅުދުއްފުއްޓަށް ދަތުރުކުރި ޑިންގީ ބަންޑުން ޖަހާލީ ފޯކައިދޫ ކައިރިންނެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު ލިބުނީ ރޭ 10:23 ހާއިރު ކަމަށެވެ. އަދި ޑިންގީން ކަނޑުވި ދެ މީހުން އެ ސަރަހައްދުން ދަތުރުކުރި ކަންނެލި ދޯންޏަކަށް ނަގާފައިވާ ކަމުގެ މައުލޫމާތު ރޭ 12:21 ހާއިރު ލިބިފައިވާ ކަމަށެވެ.

ކަނޑުވި ދެ މީހުންގެ ހާލު ރަނގަޅު ކަމަށާއި ކަންނެލި ދޯނީގައި އެ މީހުން ފޯކައިދޫއަށް ގެންގޮސްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.