އެމްއެންޑީއެފް

ކުޅުދުއްފުށި ބަހާދަރު ބޯޓު ފަރަށް އަރައިފި

މާލެއިން ފުރައިގެން ހދ. ކުޅުދުއްފުއްޓަށް ދަތުރުކުރަމުން ދިޔަ "ބަހާދަރު" ބޯޓު ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ މި ބޯޓު ފަރަށް އަރާފައިވަނީ ނ. ދެކަނަންފަރު ކައިރިން 58 މީހުންނާ އެކު ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ. އަދި ފަރަށްް އަރައިގެން އުޅޭކަމުގެ ރިޕޯޓް ކޮށްފައިވަނީ ރޭ ދަންވަރު 2:30 ހާއިރު ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ ބަހާދަރު، ފަރަށް އަރާފައިވާ ކަމުގެ މައުލޫމާތު ލިބުމާއެކު އެ ބޯޓުން ދަތުރުކުރި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޯޓު އޮތް ސަރަހައްދަށް ކޯސްޓްގާޑްގެ އުޅަނދެއް ރޭ ފަތިހު ގޮސްފައިވާ ކަމަށެވެ.

މިބޯޓުގައި ތިބި މީހުންގެ ތެރެއިން 17 މީހުން މިހާރު ވަނީ ށ. ކޮމަންޑޫއަށް ގެންގޮސްފަ އެވެ. އަދި ބޯޓުގެ 10 ފަޅުވެރިން ފިޔަވާ ބާކީ ތިބި 31 މީހުން ވަނީ "ފްލަޔިންގު ފިޝް 17" ކިޔާ ދޯންޏެއްގައި ހދ. ކުޅުދުއްފުއްޓަށް ގެންދިއުމަށް ދަތުރު ފަށާފަ އެވެ.

ބަހާދަރު ބޯޓު ފުން ކުރުމުގެ މަސައްކަތް ބޯޓުގެ ވެރިފަރާތާއި އެމްއެންޑީއެފް ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.