ކަނޑުމަތީގެ ހާދިސާ

ހާލުގައި ޖެހުނު ލަންކާގެ ބޯޓުތައް ދަތުރު ފަށައިފި

މޫސުން ގޯސްވެ ހާލުގައި ޖެހިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދިން ސްރީލަންކާގެ މަސް ބޯޓުތައް، އެމްއެންޑީއެފްގެ ބެލުމުގެ ދަށުން އަނބުރާ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރަށް ގެންދިއުމުގެ ދަތުރު މިއަދު ފަށައިފި އެވެ.

އިހަވަންދިއްޕޮޅާ ދިމާލުން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރު ކުރަމުން ދަނިކޮށް މޫސުން ގޯސްވެ ކޮޅިގަނޑެއްގައި ޖެހުނު ލަންކާގެ ހަތް މަސް ބޯޓަކަށް އެމްއެންޑީއެފް އިން ވަނީ މިިދިޔަ އާދީއްތަ ދުވަހު އެހީތެރިވެފަ އެވެ. އެ ގޮތުން އެމްއެންޑީއެފްގެ ބެލުމުގެ ދަށުން އެ ބޯޓުތައް ބޭއްވީ ހދ. ކުޅުދުއްފުށީ ބަނދަރުގަ އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ ކުޅުދުއްފުށީ ބަނދަރަށް ވެއްދި ލަންކާގެ އެ ހަތް މަސް ބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ނުކުންނަން މިއަދު ހެނދުނު ދަތުރު ފަށާފައިވާ ކަމަށެވެ. މިއަދު މެންދުރުފަހު 2:30 ހާއިރު އެ ބޯޓުތަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރަށް ނުކުމެވޭނެ ކަމަށެވެ.

އެ ބޯޓުތައް ރާއްޖެއިން ބޭރަށް ދިއުމުގެ ދަތުރު ކުރަމުން ދަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށުންނެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދީ، ކުޅުދުއްފުށީ ބަނދަރުގައި އެ ބޯޓުތައް އޮތީ ވެސް އެމްއެންޑީއެފް އާއި ކަސްޓަމްސްގެ ބެލުމުގެ ދަށުގަ އެވެ.