ހަބަރު

ހާލުގައި ޖެހުނު ލަންކާގެ ދެ މަސްބޯޓަކަށް އެހީވެއްޖެ

Dec 3, 2020

ކަނޑުމަތިން ހާލުގައި ޖެހުނު ސްރީލަންކާގެ ދެ މަސްބޯޑަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ އިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީފުން ބުނީ އެ ދެ މަސްބޯޓު މިސްރާބު އޮޅިގެން، ކަނޑުމަތިން ހާލުގައި ޖެހުނީ ސްރީލަންކާ ކައިރިން އުފެދިގެން ދަތުރުކުރަމުންދާ ތޫފާން "ބުރެވި"ގެ އަސަރުގައި ޖެހިގެން ކަމަށެވެ.

ހާލުގައި ޖެހިފައިވާ ދެ ބޯޓު ހދ. ކުމުންދޫގެ ބޭރުން ފެނިފައިވަނީ އެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ "މޫސުން 7" ނަމަކަށް ކިޔާ ދޯންޏަކަށެވެ.

މިއަދު ހެނދުނު ފެނުނު ދެ ބޯޓުގެ ތެރެއިން "ސެނެ ދުއާ" ބޯޓުގައި ފަސް ފަޅުވެރިން ތިބި އިރު، "ޖެ ޕްރަސަންސަ ވެ" ބޯޓުގައި ހަ ފަޅުވެރިން ތިބިކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އިތުރަށް ބުނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މިއަދު ހެނދުނު ދެ ބޯޓު ހދ. ކުޅުދުއްފުށީ ބަނދަރަށް ވައްދާފައިވާ ކަމަށެވެ.

އަދި މި ބޯޓުތަކާއި ބެހޭ ކަންކަން ސަރުކާރުގެ ކަމާބެހޭ ގުޅުންހުރި އިދާރީތަކާއި ގުޅިގެން ކުރަމުންދާއިރު، މި ދެ ބޯޓުގެ ހުރިހާ ފަޅުވެރިންގެ ހާލު ރަނގަޅުކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.